މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޖަލުގައި ހުކުމް ތަންފީޒް ކުރަމުން ދަނިކޮށް، މި ހިނގާ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ނިޔާވި ދެ ގައިދީންގެ މަރުގެ މައްސަލައިގެ ތަހުގީގަށް، އެ ދެ މީހުންގެ ހަށިގަނޑު އޯޓޮޕްސީ ރާއްޖެއިން ބޭރަށް ފޮނުވާލައިފިއެވެ.
އެ ދުވަހު ނިޔާވެފައިވަނީ ހުޅުމާލެ ޖަލުގައި ބަންދުކޮށްފައިވާ މާލޭ، ދަފްތަރު ނރ.439 / އިބްރާހިމް ސުހެއިލް (53އ.) އާއި ދިއްގާގަސްދޮށުގެ، ސ.ހިތަދޫ / ޙަސަން ނިޔާޒު (45އ.) އެވެ.
މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ، އެ ދެ މީހުންގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަކަން ހާމަކޮށްފައެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން، އެ ދެ މީހުންގެ އޮޓޮޕްސީ ހެދުމަށް އިއްޔެ އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ.
ދެ ގައިދީން ނިޔާވި ދުވަހު ކަރެކްޝަންސްއިން ބުނީ ސުހެއިލް ނިޔާވެފައިވަނީ އޭނާގެ ސިއްޙީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފުތާއެއް ވެފައިވަނިކޮށް ކަމަށެވެ. އޭނާއަށް ވަނީ ނިއުމޯނިއާ ޖެހިފައި ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.
މީގެ އިތުރުން އޭނާއަކީ މިދިޔަ އަހަރުގެ ތެރޭ ސްޓްރޯކެއްޖެހިގެން، އެކަމަށް ވެސް ފަރުވާ ހޯދަމުންއައި މީހެއްކަމަށް ކަރެކްޝަނުން ބުންޏެވެ.
ޙަސަން ނިޔާޒު މަރުވީ އެ ދުވަހުގެ މެންދުރު ފަހު، ކުއްލިއަކަށް މެޑިކަލް އެމަޖެންސީއެއް ދިމާވެ، ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.



