ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮލައި، މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ބިލު ތަސްދީގު ކުރުމުގެ ކުރިން ނަގަން ޖެގޭ ފެންނަ ނުފެންނަ ވޯޓު، ނަގާނެ ދުވަހެއް ނިންމާނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހު ކަމަށް ބަންޑަރަނައިބު އަހްމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
މައި ދެ އިންތިހާބު އެއްކޮށްލާތީވެ، މިހާރު އޮތް 20 ވަނަ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކުރާ ގޮތަށް ސަރުކާރުގެ ފަރާތުން މިދިޔަ މަހު ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މިދިޔަ ބުދަ ދުވަހު މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު ގެންނަ އިސްލާހެއް ރައީސްއަށް ތަސްދީގު ކުރެއްވެނީ ރައެްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެކަމަށް ތާއީދު ލިބިގެންނެވެ.



