ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ނަރުހުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފުން ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމެއް ހިންގައިފި އެވެ.
އިއްޔެ ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގެ އިވެންޓްތައް ބާއްވާފައިވަނީ ކ.ގިރިފުށީގަ އެވެ. މި ޕްރޮގްރާމަކީ އެމްއެންޑީއެފް މެޑިކަލް ކޯރއިން އިސްނަގައިގެން، އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް ސެކިއުރިޓީ ސްޓަޑީޒްއާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެއްކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
ޓީމް ބިލްޑިންގްއާއި ލީޑަރޝިޕާ ގުޅުންހުރި ހަރަކާތްތައް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، މާލެ ސިޓީގެ ހޮސްޕިޓަލްތަކުންނާއި، އެމްއެންޔޫގެ ސްކޫލު އޮފް ނާސިންއާއި، ވިލާ ކޮލެޖް އަދި އެންޖީއޯތަކުން 34 ނަރުހުން ބައިވެރިވި އެވެ. މި ޕްރޮގްރާމް ކުރިއަަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ މުދައްރިބުންނާއި އެމްއެންޑީއެފް މެޑިކަލް ކޯރގެ ސިފައިންނެވެ.
މި އަހަރުގެ ނަރުހުން ދުވަހުގެ ޝިއާރަކީ، ”އަހަރުމެންގެ ނަރުހުން، އަހަރުމެންގެ ކުރިމަގު-ފަރުވާގެ އިގްތިސާދީ ބާރު“ މިއެވެ.


