ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ، ވިސްނުންތެރި އިހުލާސްތެރި ސްމާޓް ބޭފުޅެއް ކަމަށާއި އިހުލާސްތެރިކަމާއެކު ދީން ދަމަހައްޓަން މަސައްކަތްކުރައްވާ ވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން މާމިގިއްޔާއި ފެންފުށީ ކައުންސިލަށް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ވާދަކުރައްވާ ކެނޑިޑޭޓުން ތައާރަފްކުރުމާއި ކެމްޕެއިން ރަސްމީކޮށް ފެށުމަށް ރޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތުގައި މިހާތަނަށް އައިއިރު ރައީސް މުޢިއްޒު ފަދަ ސްމާޓް ބޭފުޅެއް ނުދެކޭ ކަމަށެވެ. އަދި ވަރަށް ހިކުމަތްތެރިކަމާއި ވިސްނުންތެރިކަމާއެކީ ރައީސް މުޢިއްޒު ކަންތައް ކުރައްވަމުންދާ ކަަމަށް ގާސިމް ވިދާޅުވެ ތައުރީފު ކުރެއްވިއެވެ.
މި ސަރުކާރުން ދާދި ފަހުން ތަސްދީގުކުރި މަޖިލިސް ގޮނޑިގެއްލޭ ގާނޫނަށް ތާއީދުކުރައްވާކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގާނޫނަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި، ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވެސް ކުރަން އުޅުނު ކަމެއް ކަމަށެވެ. އަދި ރައީސް ޔާމީން ސަރުކާރުގައި މަޖިލީހުގެ މެޖޯރިޓީ ނުލިބުމުން ޖޭޕީގެ ގިނަ މެންބަރުން ވެސް ގޮނޑި ބަދަލުކުރިކަން ގާސިމް ފާހަގަކުރެއްވިއެވެ.
”އެ ކީއްވެގެންތޯ އަޅުގަނޑު ތާއީދުކުރަނީ، ތާއީދުކުރަނީ އެކަމަކީ އެންމެންވެސް ބޭނުންވެގެން ކުރި ކަމެއް. ވެރިކަމަށް އައި ކޮންމެ މީހަކުވެސް އެކަން ކުރި“ ގާސިމް ވިދާޅުވިއެވެ.
މީގެއިތުރުން ގާސިމް ވިދާޅުވީ، ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދަން މަސައްކަތް ކުރައްވާ ކަމަށާއި މެޖޯރިޓީ ނުލިބުމުން އެހެން ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ޕާޓީ ބަދަލުކުރުމުގެ ސިޔާސަތު ނިމުމަކަށް ގެނައީ ރައީސް މުޢިއްޒު ކަމަށެވެ. އެމަނިކުފާނުގެ ވިސްނުންފުޅު ތޫނުކަމާއެކީ މަޖިލީހުގެ ސުޕާ މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ލިބިގެންދިޔަކަން ގާސިމް ވަނީ ފާހަގަކުރައްވާފައެވެ.



