ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރަމުން އަންނަ 6 ހޮސްޕިޓަލެއްގެ މަސައްކަތް ނިންމާ މިއަހަރުގެ ތެރޭގައި ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފް ވިދާޅުވީ މި ސަރުކާރުގެ 5 އަހަރު ނިމިގެންދާއިރު ރާއްޖޭގެ ސިއްހީ ނިޒާމުގައި ޢުމްރާނީގޮތުން އިންޤިލާބީ ބޮޑު ބަދަލެއް ފެނިގެންދާނެ ކަމަށެވެ. އަދި މިހާރުވެސް ގިނަ ހޮސްޕިޓަލްތަކެއްގެ މަސައްކަތް އެކި މަރުހަލާގައި ކުރެވެމުންދާއިރު މިއަހަރުގެ ތެރޭގައިވެސް ބައެއް ހޮސްޕިޓަލްތައް ހުޅުވިގެންދާނެކަމަށް ޝަރީފު ވިދާޅުވިއެވެ.
މިވަގުތުވެސް އެކި ރަށްރަށުގެ ހޮސްޕިޓަލްތަކުގެ މަސައްކަތް ހަވާލުކުރެވި ބައެއް ތަންތަން ނިމުމަކާ ގާތްވެފައިވަނީ. އެގޮތުން މިއަހަރުގެ ތެރޭގައި 6 ހޮސްޕިޓަލެއްގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެކަމަށް މިބަލަނީ.“ ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން ސްޓޭޓް މިނިސްޓަރ ޝަރީފު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ހއ.ހޯރަފުށި، ނ.ކެނދިކުޅުދޫ، ރ.ދުވާފަރު، ބ.ތުޅާދޫ، ޅ.ހިންނަވަރު، ކ.ގުރައިދޫގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ނިމިގެންދާނެކަމަށެވެ.




