ޕާކިސްތާނުގައި ބޭއްވި ”އިންޓަރނޭޝަނަލް ޕާކިސްތާން އާމީ ޓީމް ސްޕިރިޓް (ޕެޓްސް) ކޮމްޕެޓިޝަން 2026“ ގައި ބައިވެރިވެ ރަން މެޑެލް ހާސިލުކުރި އެމްއެންޑީއެފްގެ ޓީމަށް އެމްއެންޑީއެފް އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މިމުބާރާތުގައި ބައިވެރިވި ޓީމު ރާއްޖެއަށް އައިސްފައިވަނީ މިއަދު ހެނދުނުއެވެ.
މި އަހަރުގެ ޕެޓްސް މުބާރާތުގައި ބައިވެރިވި ދިވެހި އަސްކަރިއްޔާގެ ޓީމުވަނީ، 16 ޤައުމެއްގެ 24 ޓީމަކާއި ވާދަކޮށް، މުބާރާތުން ރަން މެޑަލް ހާސިލްކޮށްފައެވެ.
އެ ޓީމު އެނބުރި ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ ޓީމަށް މަރުހަބާ ދެންނެވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި ސްޕެޝަލް ފޯސަސްގެ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ރަޝީދެވެ. އަދި ޓީމް ހެޑް ކުއޯޓަރޒަށް ދިޔުމުން ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ ސިފައިން ޓީމް ހޯދި ފަޚުރުވެރި ކާމިޔާބީއަށް ހޫނު މަރުހަބާއެއް ދަންނަވާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.




