ތަކުރާރުކޮށް ސްކޭމްކުރާ މައްސަލައިގައި ހައްޔަރުކުރި ގއ. ގެމަނަފުށި، ރަންކޮކާގެ / ނަދީފް މުހައްމަދު (36އ.) ގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ނަދީފް ހައްޔަރުކުރީ، ވިޔަފާރިކުރާ މީހަކަށް ކަސްޓަމަރެއްގެ ގޮތުގައި ގުޅައި އޯޓީޕީ ހޯދައިގެން ބޭންކް އެކައުންޓް ހެކުކުރި މައްސަލައެއްގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅެވެ.
އޭގެ ފަހުން ދެ ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި އިރު ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން ނަދީފް އިތުރު 25 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުން ނަދީފް ވަނީ 29،600 އަށްވުރެ ގިނަ ފައިސާ އެހެން މީހެއް އެކައުންޓަށް ޖަމާކޮށް، އެކިފަހަރު މަތިން 24،700 ރުފިޔާ އޭޓީއެމް މެދުވެރިކޮށް ނަގާފައެވެ. އަދި 4900 އަށްވުރެ ގިނަ ރުފިޔާ އެހެން ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު އެފައިސާތައް ނަގާފައިވާކަންވެސް އެނގިފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
އޭގެ އިތުރުން، ނަދީފް އަކީ އެކި ފަރާތްތަކުގެ އަތުން ކޭޝްކާޑު ކުއްޔަށް ނަގައިގެން އޭޓީއޭމް މެދުވެރިކޮށް ސްކޭމްގެ ފައިސާ ނަގަމުންދާ މީހެއްކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ބުންޏެވެ.




