ހއ. ފިއްލަދޫ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބިންގާ މިއަދު ރަސްމީކޮށް އަޅައިފިއެވެ.
މި މަޝްރޫޢަކީ އެ ރަށުގެ ސިއްހީ ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ފިއްލަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ އިއްޒަތްތެރި މެންބަރު ޢަބްދުﷲ ޝަރީފެވެ.
މި ރަސްމިއްޔާތުގައި ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނާޡިމާއި، ހެލްތު ސަރވިސްގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު ޖަމީލް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުޙުﷲ ޙަސަންއާއި ކައުންސިލް މެންބަރު މުޙައްމަދު މޫސާވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން އެ ރަށު ސިއްހީ މަރުކަޒަށް ބޭނުންވާ އިމާރާތުގެ ޖާގަ އިތުރުކޮށް، ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، އެ ރަށުގެ ރައްޔިތުންނަށް ރަށުން ލިބޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމެކެވެ.



