މާލެ ކައިރީގައި އޮތް ދޯންޏެއްގައި ރޯވެ މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ފަސް މީހަކަށް އަނިޔާވެގެން ފަރުވާ ދެމުންގެންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކުރުނބާ މޯލްޑިވްސް ރިސޯޓު ކައިރިން މަސް ދޯންޏެއްގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު މިއަދު 14:54 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފްއިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
ފުލުހުން ދާދި ދެންމެއަކު ވިދާޅުވީ، މި ހާދިސާގައި ޖުމްލަ ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށާއި އެއީ 2 ދިވެހިންނާއި 3 ބިދޭސީން ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، 15 މީހުންނާ އެކު ކ.ދޫނިދޫ ކައިރިން ދަތުރުކުރަމުންދިޔަ މަސް ދޯންޏެއްގައި އަލިފާން ރޯޯވެގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި މިހާރު އެ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލު ކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ.



