ދިވެހި ރުފިޔާ އަކީ އެމެރިކާ ޑޮލަރުގެ ކުރިމަތީގައި ބާރު ލިބިގެންވާ ކަރަންސީއަކަށް ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުން އެބަ ގެންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ސައީދު މިހެން ވިދާޅުވީ ކ. ފުނަދޫގައި ސްޕެޝަލް އިކޮނޮމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނެއް ތަރައްޤީކުރުމަށް ދުބާއީ ގެ އިންޓަނޭޝަނަލް ފްރީޒޯން އޮތޯރިޓީ އާއި އެކު އެއްބަސް ވުމެއްގައި ސޮއި ކުރުމަށް ބޭއްވި ރަސްމިޔާތެއްގައި ވާހަކަ ދައްކަވަމުންނެވެ.
ދިވެހި ރުފިޔާ އަކީ ބާރުގަދަ ކަރަންސީއަކަށް ހެދުމަށްޓަކައި ފޮޜިން އެކްސްޗޭންޖުގައި ހުރި މައްސަލަތައް ހައްލުކޮށް، ބޮޑެތި މާކެޓުތައް ކަމަށްވާ ޗައިނާއާއި އިންޑިއާއާއި އެކު ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިޔަށް ދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މި ހުރިހާ ކަމެއްގެ ނަތީޖާ ފަސް އަހަރު ނިމި ފަސް އެނބުރި ބަލާލާއިރު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފެންނާނެ ކަމަށާއި، އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ރައީސް ޑރ. މުއިއްޒު އަށް ރައްޔިތުން ދޭންވާ އެވޯޑު ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.




