ރަށްރަށުގެ ކައުންސިލްތަކަށް ބިދޭސީންގެ ބަޔޯ މެޓްރިކް ޑޭޓާއަށް އެކްސެސް ދޭން ނިންމާފައިވާކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިއަދު އެމިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ،މިވަގުތު ބަޔޯ މެޓްރިކް ޑޭޓާއަށް އެކްސެސް އޮންނާނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި، ފުލުހުންނަށާއި އިމިގްރެޝަންއަށް އެކަނި ކަމަށެވެ. އެހެންނަމަވެސް، ކުރިޔަށްއޮތްތާނގައި ރަށްރަށުގެ ކައުންސިލްތަކަށް ލިމިޓެޑް އެކްސެސްތަކެއް ދޭން ނިންމާފައިވާކަމަށާއި، ކައުންސިލްތަކަށް އެކްސެސް ދެނީ އެރަށްރަށަށްދާ ބިދޭސީން ވެރިފައި ކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުންކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ބިދޭސީންގެ ޑޭޓާ އެއްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެކަމަށް ޚާއްސަ ސޮފްޓްވެއަރއެއް ޑެވެލޮޕްކުރަމުންދާކަމަށާއި،ކުރިޔަށް އޮތް ތާނގައި ސަރުކާރުގެ އަމާޒަކީ ސޮޮފްޓްވެއަރ ޑެވެލެޕްކުރެވެމުން ފޯނުގެ ޒަރީއާއި ބިދޭސީއެއްގެ ފޮޓޯ ނަގާލީމައި އެމީހާއާ ބެހޭ މައުލޫމާތު ކަމާއި ގުޅޭ އިދާރާތަކަށް ލިބޭނެގޮތް ހެދުންކަމަށެވެ.
”މިހާރު މިކުރެވޭ މަސައްކަތުގެ އެންޑް ރިޒަލްޓަކަށް ވާނީ އެވަރަށް ކައުންސިލްތަކާއި ފުލުހުން އެމްޕަވަރ ކުރެވުން. މާނައަކީ ރަށްރަށުގެ ކައުންސިލަރުން، ދޯންޏެއް އައިސް ރަށަށް ކައިރިކޮށްލީމައި، އޭގެއިން ފައިބާ ބިދޭސީއެއް ކުރީގައި ދިމާވެފައި ނެތް މީހެއްކަމަށްވަންޏާމު ފޮޓޯއެއް ނަގާލީމައި ސިސްޓަމުން ގާތްގަނޑަކަށް އޭނާއަށް ތިރީހަކަށް މިނެޓުގެ ތެރޭގައި ރެސްޕޮންޒެއް ލިބޭނެ އެންމް ލަސްވެގެންވެސް. އެއީ ކާކުތޯ، ކޮން ކުންފުންޏެއްގެ ދަށުން ރާއްޖެއަށް އެތެރެވެފައި ހުރި މީހެއްތޯ، މިހާރު އޭނާ ހުރީ ގަވާއިދާއި އެއްގޮތައްތޯ، ގަވާއިދާ ޚިލާފަށްތޯ. އެހިސާބުން އެމީހާއަށް ލިބޭނެ އެމީހާގެ މައްސަލަ ރިޕޯޓްކުރުުމުގެ ފުރުސަތު. އެއީ އަޅުގަނޑުމެން ދާން މިއުޅެ ހިސާބަކީ.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ކުރިޔަށްގެންދާ ކުރަނގި އޮޕަރޭޝަންގެ ދަށުން، ފުރަތަމަ އެއްއަހަރުތެރޭގައި ރާއްޖޭގައި ދިރިއުޅޭ ހުރިހައި ބިދޭސީންގެ މައުލޫމާތު ނެގުމަށްފަހު، އަނެއް ދެއަހަރު ތެރޭ އެންފޯސްމެންޓް މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށެވެ.




