އީރާނަށް އިގްތިސާދީ ގޮތުން އިތުރަށް ޕްރެޝަރު ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެއްޖެއެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ އެކްސިއޯސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ނަތަންޔާހޫ އާއި މިފަދައިން އެއްބަސްވެފައިވަނީ މިދިޔަ ބުދަ ދުވަހު ވައިޓްހައުސްގައި ބޭއްވި ބައްދަލުކުރެއްވުމަށްފަހުގައެވެ.
”އަޅުގަނޑުމެން އެއްބަސްވީ އީރާނާ ދެކޮޅަށް ކުރެވޭނެ އެންމެ ބޮޑު ޕްރެޝާ ކުރުމަށް. މިސާލަކަށް ޗައިނާއަށް އީރާނުން ތެޔޮ ވިއްކުމާ ގުޅޭ ގޮތުން“ އެމެރިކާގެ އިސް އޮފިޝަލަކު ބުނި ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
ނަމަވެސް އެ އަމާޒު ހާސިލްކުރާނެ ގޮތާ މެދު ނަތަންޔާހޫ އާއި ޓްރަމްޕްގެ ޚިޔާލުތަފާތު ކަމަށް އެ ނޫހުން ބުނެއެވެ. އެގޮތުން އީރާނާއެކު އިތުބާރު ހުރި އެއްބަސްވުމެއް ހެދުމަކީ ހާސިލް ނުކުރެވޭނެ ކަމެއް ކަމަށް ނަތަންޔާހޫ ބުނެފައިވާއިރު، ޓްރަމްޕް ބުނީ އީރާނާއެކު އެއްބަސްވުމެއް ހެދުމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެމެރިކާގެ އޮފިޝަލުން ބުނީ، ދެ ގައުމުން މިހާރު ކުރިއަށް ގެންދާ މަޝްވަރާތައް ފެއިލްވެއްޖެނަމަ ހަމަލާދިނުމަށް ތައްޔާރުވުމުގެ ގޮތުން މެދުއިރުމަތީގައި އަސްކަރީ ބާރުގަދަކުރުމަށް މަސައްކަތް ކުރާނެ ކަމަށާއި އީރާނަށް އެމެރިކާއިން ކުރާ ޕްރެޝަރު އިތުރުކުރުމުގެ ކެމްޕޭނު ކުރިއަށް ގެންދާނެ ކަމަށެވެ.
އީރާނުން ތެޔޮ އެކްސްޕޯޓްކުރާ މިންވަރުގެ 80 ޕަސެންޓަށް ވުރެ ގިނައިން ޗައިނާއަށް އެކްސްޕޯޓުކުރާއިރު، އެ މިންވަރު މަދުވުމަކީ އީރާނަށް އިގްތިސާދީ ޕްރެޝަރު ވަރަށް ބޮޑަށް އިތުރުވާނެ ކަމެކެެވެ.



