ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން މިހާތަނަށް 3600 އަށް ވުރެ ގިނަ ފްލެޓު ވެރި ފަރާތާއި ހަވާލުކޮށްފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ފްލެޓުތަކަށް ރައްޔިތުންނަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
”ގެދޮރުވެރިޔާ ސްކީމް“ ގެ ދަށުން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުން އެކުލަވާލާ އެފަރާތްތަކާއި ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީން މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމުގައި އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ މިހާތަނަށް 3850 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ. އަދި މީގެތެރެއިން 3647 ފަރާތަކަށް މިހާރު ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރި ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާ ލައިގެން ތަޅުދަނޑިއާއި ހަވާލުވާން ނާދެވޭ ފަރާތްތައް ތިބިކަން ވެސް ހަމްދާން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ފްލެޓު ހޯދުމަށް ހުށައަޅާފައިވާ ލިޔެކިޔުންތައް އިތުރަށް ވެރިފައި ކުރަންޖެހޭތީ ހައުސިންގް މިނިސްޓްރީގެ ފަރާތުން ފްލެޓު އެލޮކޭޓްކޮށްދީފައިނުވާ 112 ފްލެޓު ހިމެނޭކަމަށް ހަމްދާން ވިދާޅުވިއެވެ. މިފްލެޓުތަކުގެ ލިސްޓުވެސް ލިބުމުން ވީއެންމެ އަވަހަކަށް ފްލެޓު ހަވާލުކުރުމުގެ މަސައްކަތް އެފްޑީސީން ކުރާނެކަމަށް އެކުންފުނިން ބުންޏެވެ.



