ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމައުއަށް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކުދިންނަށް ޚާއްސަ ތަމްރީނުތަކެއް ދިނުމަށް ވަކި ޚާއްސަ ރަށެއް ކަނޑައެޅުމަށް ނިންމާފައިވާކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިއަދު އެމިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ”ހޯޕް އައިލޭންޑް“ ގެ ނަމުގައި ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ ކުދިން ރިހިބިލިޓޭޓުކޮށް އެކުދިން އަނބުރާ މުޖުތަމައުއަށް ނެރުމަށް މަސައްކަތް ކުރުމަށް ރަށެއް ގާއިމުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ކުރަމުން ދަނީ އެރަށުގެ ކޮންސެޕްޓް ކޮންސެޕްޓް ޑެވެލޮޕްކުރުމުގެ މަސައްކަތާއި،ސަރުކާރުގެ ތެރެއިން އެންމެ ފުރަތަމަ އެކަމަށް ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތްކަަމަށެވެ. އަދި އެމަސައްކަތް ނިމުމުން، ރަށް ގާއިމުކުރަން، ބޭރުގެ އޭޖެންސީތަކާއި ޑޯނަރ އޭޖެންސީތަކާއި ވާހަކަ ދައްކައިގެން ފަންޑް ހޯދުމުގެ މަސައްކަތްކުރައްވާނެކަމަށެވެ. ރަށުގެ އަމަލީ މަސައްކަތް ފެށޭނީ ފަންޑް ލިބިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
”އަމަލީ މަސައްކަތް، ރަށް ހެދުމުގެ މަސައްކަތާއި ހިސާބަށް އަދި ތަންކޮޅެއް ފަހުން ދެވޭނީ. ޓައިމްލައިނެއްވެސް އަޅުގަނޑުމެން ޕަބްލިޝް ކުރާނަން.“ މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ މި ދައުރުގެ ތެރޭގައި އެރަށް ގާއިމުކޮށް ޚިދުމަތް ދޭން ފެށޭވަރުވާނެކަމަށެވެ. އަދި އުންމީދަކީ، އެރަށުން ޚިދުމަތްދޭން ފަށައި، މިދައުރުގެ ތެރޭގައި އެރަށުން ކުދިންތަކެއް ރަނގަޅަށް ތަރުބިއްޔަތު ކުރުމަށްފަހު މުޖުތަމައަށްނެރެ، އެ ކޮންސެޕްޓަކީ ރަނގަޅު ކޮންސެޕްޓެއްކަން ސާބިތުކޮށްދިނުންކަމަށެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ، އެ ރަށުގައި ކުށްކުރާ ކުދިން ރިހިބިލިޓޭޓުކޮށް، އުމުރުން 18 އަހަރު ވަންދެން ތަފާތު އެކި ޕްރޮގުރާމުތައް ހިންގާނެ ކަމަށެވެ. އޭގެތެރޭގައި ދީނީ، އަދި ތައުލީމީ ގޮތުންނާއި އެކުދިންނަށް ބޭނުންތެރި އެކިއެކި ޕްރޮގުރާމުތައް ހިމެނޭނެކަމަށެވެ. އަދި، ހޯޕް އައިލޭންޑްގައި ތަރުބިއްޔަތު ކުރެވޭ ކުދިން 18 އަަހަރު ފުރުމުން ފުލުހުންގެ ޚިދުމަތަށާއި އެމްއެންޑީ އެފް ވަޒީފާތަކަށް ނެގުމުގެ އިތުރުން އަމިއްލައަށް ކުރިޔަށްދާން ބޭނުންވާ ދާއިރާތަކުން ކުރިޔަށްދިއުމުގެ ފުރުސަތުވެސް ފަހިކޮށްދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.



