އައްޑޫ ސިޓީ ހިތަދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި މީހުން ގޮވައިގެން ހޮސްޕިޓަލަށް ދިޔަ އެމްބިއުލާންސް ވެސް އެކްސިޑެންޓު ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ބުނީ، ފުރަތަމަ އެކްސިޑެންޓު ހިނގާފައިވަނީ ރޭ 21:40 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގާފައިވަނީ ހިތަދޫ ޑޭޒީ މަގާއި އެޅެދީދީ މަގު ގުޅުނު ކަންމަތިން ދެ ސައިކަލު ޖެހިގެންނެވެ.
މި އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، މި އެންމެންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން ތިބީ ވެސް އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ދެ މީހުންނެވެ.
މި ހާދިސާގައި އަނިޔާވި މީހުން ގޮވައިގެން ހޮސްޕިޓަލަށް ދަތުރުކުރި އެމްބިއުލާންސް އެކްސިޑެންޓުވީ ރޭގެ 21:59 ހާއިރެވެ. ހިތަދޫ ބޮޑުމަގުން ދުއްވާފައި ދިޔަ މި އެމްބިއުލާންސް ޖެހިފައިވަނީ ކާރެއްގައެވެ.
ނަމަވެސް، މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އެމްބިއުލާންސްގައި ޖެހުނު ކާރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޓޯކޮށްފައެވެ.
ފުލުހުން ދަނީ މި ދެ އެކްސިޑެންޓުގެ މައްސަލަ ވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.



