ސްޓްރޯކް ޖެހުނު 532 މީހަކަށް ސަރުކާރުގެ މައި ހޮސްޕިޓަލް އަޖީއެމްއެޗުގެ ނިއުރޮލޮޖީ ޑިޕާރޓްމަންޓުން މިދިޔަ އަހަރު ފަރުވާދީފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި ނާރުގެ ބަލިތަކާއި، ސްޓްރޯކަށް ޚާއްޞަ ސެންޓަރެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، އައިޖީއެމްއެޗުގެ ނިއުރޮލޮޖީ ޑިޕާޓްމަންޓުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން ދިވެހި ފުރަތަމަ ނިއުރޮލޮޖިސްޓް ޑރ. އަޙްމަދު ރަޝީދު ވިދާޅުވީ، ރާއްޖޭގައި ނާރުގެ ބަލިތަކާއި ސްޓްރޯކަށް ފަރުވާ ހޯދަން ޖެހޭ މީހުންގެ އަދަދު ނިސްބަތުން އިތުރު ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު ނާރުގެ ބަލިތަކުގައި 1،089 މީހުންނަށް އައިޖީއެމްއެޗުގެ ނިއުރޮލޮޖީގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވާ ކަމަށާއި އޭގެތެރޭގައި ގިނައީ، ސްޓްރޯކް ޖެހުމުން އެޑްމިޓްކޮށްގެން ފަރުވާ ދިން މީހުންކަން ހާމަކުރެއްވިއެވެ.
މިމުއްދަތުގައި 532 މީހަކަށް ސްޓްރޯކް ޖެހިގެން ފަރުވާ ދީފައިވެއެވެ. މީގެތެރެއިން 70 އިންސައްތައަކީ، ސިކުނޑީގެ ލޭ ހޮޅިއެއް ބެދިގެން ސްޓްރޯކް ޖެހުނު މީހުން ކަމަށާއި، އަނެއް 30 އިންސައްތައަކީ ސިކުނޑީގެ ލޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ސްޓްރޯކް ޖެހުނު މީހުން ކަމަށް ޑރ. އަހުމަދު ރަޝީދު ވިދާޅުވިއެވެ.
މީގެއިތުރުން 557 މީހުންނަކީ، ޢާންމު ބަލިތަކާއި، ފިޓު ޖެހުމާއި، ނާރުގެ އެހެން ބަލިތަކުގައި އެޑްމިޓް ކުރި މީހުން ކަމަށް ޑރ. އަޙްމަދު ރަޝީދު ވިދާޅުވިއެވެ.



