ފެނަކަ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުހައްމަދު ސައީދު އަހުމަދުގެ ސިއްހީ ހާލަތު ހުރިގޮތުން، ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކޮށްފިއެވެ.
އޭނާ ހަތަރު އަހަރަށް ޖަލަށްލާން ހުކުމް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
ކަރެކްޝަންސް ސާވިސްގެ މީޑިއާ އޮފިޝަލު ޔުސްރީން އަހުމަދު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސައީދުގެ ސިއްހީ ހާލަތު މިވަގުތު ހުރި ގޮތުން އޭނާ ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ފެނަކަ ސައީދުގެ ބަލިހާލަތު ހުރިގޮތުން ގޭ ބަންދަށް ބަދަލުކުރީ އެކަމަށް ޑޮކްޓަރުން ވެސް އިރުޝާދު ދެއްވުމުންނެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު، ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ސައީދުގެ އިތުރުން އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓް ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދައުވާ ކުރީ ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އަދި މަސައްކަތް ނިންމިކަން ކަށަވަރު ކުރުމެއް ނެތި، އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލައިގައެވެ.
ޕީޖީ އޮފީހުން އެއިރު ބުނީ، ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ހަތަރު އަހަރު ދުވަހަށް ޖަލަށް ލާން ހުކުމް ކުރި ކަމަށެވެ. އަދި މިއީ ޖިނާއަތުގެ 4ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި، މި ދަރަޖައިގެ ކުށުގެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށްލުން ކަމުގައިވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ސައީދަށް ހުކުމްކުރި އިރު ފެނަކައިގެ އޮޑިޓް ރިޕޯޓުން ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ވެސް ވަނީ ހާމަވެފައެވެ.
ނަމަވެސް ސައީދު ވަނީ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް އެއިރު ވިދާޅުވެ ބަޔާނެއް ވެސް ނެރިފައެވެ.




