އަނިޔާވެރި ގޮތަކަށް މަރާލި ބްލޮގަރ ޔާމީން ރަޝީދުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަލުން ފެށުމަށް މިއަދު ތާވަލުކޮށްފިއެވެ.
ޔާމީން ރަޝީދު މަރާލާފައިވަނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގައެވެ. އޭނާ މަަރާލާފައިވަނީ، އޭނާ ދިރިއުޅުނު ގޭގެ ސިޑިގޮޅީގައި ތޫނު އެއްޗަކުން ހަމަލާދީގެންނެވެ. އެގޮތުން ޔާމީން ރަޝީދުގެ ހަށިގަނޑުގެ 30 ތަނަކަށް ހަމަލާ ދީފައިވެއެވެ.
މި މައްސަލައިގައި ކުށް ސާބިތުވީ ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލްގެ މައްޗަށެވެ. އެ މައްސަލައިގައި އެ ދެ މީހުން އުމުރަށް ޖަލަށް ލުމަށާއި މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކުރީ 2022ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.
މީގެއިތުރުން މި މައްސަލައިގައި އިތުރު ހަތަރު މީހެއްގެ މައްޗަށް ވެސް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލިއެވެ. ނަމަވެސް، އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެއީ:
° ގދ. ގައްދޫ، ސިންދުބާދުގެ / މުހައްމަދު ދިފްރާން
° މ. ކުދެހިގެ / ހަސަން ޝިފާޒް
° މ. ތާއިފް / އިސްމާއީލް ރަޝީދު
° ކޮޅުފުށި، އީސްޓް / ހުސައިން ޒިޔާދު
އޭގެ ތެރެއިން ދިފްރާނާއި އިސްމާއީލް ރަޝީދުގެ މައްޗަށް ދައުވާ ސާބިތުނުވި މައްސަލަ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން އޮތީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ދައުވާ ސާބިތުވި ހައިޝަމާއި ޒިހާންގެ ފަރާތުން ވެސް އެ މީހުންގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ޑިސެމްބަރު މަހުގެ 31 ގައި ވަނީ، ކުށް ސާބިތުވާ ކަމަށް ދަށު ކޯޓުން ކަނޑައެޅި ހައިޝަމާއި ޒިހާންގެ ޖަލު ހުކުމް ބާތިލުކޮށްފައެވެ. އަދި އެ މައްސަލަ އަލުން ކްރިމިނަލް ކޯޓުން ބަލަން އަމުރުވެސް ކުރިއެެވެ.
މީގެއިތުރުން، ކުށް ސާބިތުނުވި އިސްމާއިލް ރަޝީދާއި ދިފްރާންގެ މައްސަލަ ވެސް އަލުން ބަލަން އެ ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.
ހަތަރު މީހުންގެ މައްޗަށް އަލުން ޝަރީއަތް ހިންގަން ހައި ކޯޓުން އެންގި އެންގުމުގެ މަތިން މައްސަލައިގެ ޝަރީއަތް ފެށުމަށް މިއަދު ވަނީ ތާވަލުކޮށްފަ އެވެ. ހަވީރު 4:30 ގައި ފަށާ ޝަރީއަތް ލައިވް ކުރަން އެ ކޯޓުން ވަނީ ނިންމައިފަ އެވެ. އަދި މި މައްސަލަ ބަލަން ކޯޓުގެ ތިން ގާޒީންގެ ބެންޗެއް ވެސް ވަނީ އެކުލަވާލައިފައެވެ.




