ވައި ނުސާފުވުމުން ބައެއް ކަހަލަ ކެންސަރާއި ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން ހިމެނޭކަމަށް އެޗްޕީއޭއިން މިއަދު ބުނެފިއެވެ.
އެޗްޕީއޭއިން މިހެން ބުނެފައިމިވަނީ، މުޅި ރާއްޖެއަށް މިއަދު ވައި ނުސާފު ކަމަށާއި ކުރިއަށް އޮތް 5 ދުވަހު ވެސް ވައި ނުސާފުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނިކޮށެވެ.
އެޗްޕީއޭއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، ވައި ނުސާފުވުމުން ސިއްހަތަށް ކުރަނީ ކޮންކަހަލަ ނޭދެވޭ އަސަރުތަކެއްތޯ ބުނެ އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދީފައެވެ.
އެގޮތުން ވައި ނުސާފުވުމުގެ ސަބަބުން ދިގު މުއްދަތަށާއި ކުރު މުއްދަތަކަށް ޖެހޭ ބަލިތަކާއި ދިމާވާ މައްސަލަތައް އެޗްޕީއޭއިން ވަނީ ކިޔައިދީފައެވެ.
° ކުރު މުއްދަތަކަށް ދިމާވާ ސިއްހީ މައްސަލަތައް
– ލޯ، ނޭފަތް، ކަރުތެރެ އަދި ހަންގަނޑު ހިރުވުން
– ބޮލުގައި ރިއްސުމާއި ނާޒުކު ފަރާތްތައް ބޯ އެނބުރުން
– ކެއްސުމާއި ނޭވާލުމަށް އުނދަގޫވުން
– ނޭވާލާ ނިޒާމުގެ ބަލިތަކާއި ނޭވާ ހިއްލުން އިތުރަށް ގޯސްވުން
– ނޭވާހިއްލުން ނުވަތަ ހިތުގެ މައްސަލަތައް އިތުރަށް ގޯސްވުން
° ދިގު މުއްދަތަކަށް ދިމާވާ ސިއްހީ މައްސަލަތައް
– ނޭވާ ހިއްލުމާއި ސޯއޯޕީޑީ ފަދަ ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތައް
– ކުޑަކުދީންގެ ފުއްޕާމޭ ހެދިބޮޑުވުމަށް ހުރަސްއެޅުން
– ސިކުނޑިއާއި ނާރުގެ ބަލިތައް (ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން)
– ބައެއް ބާވަތްތަކުގެ ކެންސަރު ޖެހުން
– މާބަނޑު ދުވަސްވަރު ދިމާވާ ނުރައްކާތެރި ސިއްހީ މައްސަލަތައް
– ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން
މެޓް އޮފީހުން މިއަދު ބުނީ ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެއަށް، ހާއްސަކޮށް އުތުރާއި މެދު ރާއްޖެެތެރޭގެ ހިސާބުތަކަށް ކުރަމުން އަންނަކަމަށެވެ. އެގޮތުން މޫސުމާއި ބެހޭ ރިޕޯޓްތަކުގައި ދުރު ފެންނަ މިންވަރު 3 ކިލޯ މީޓަރަށް ވުރެ ދަށުން ރިޕޯޓްކުރަމުންދާކަމަށް މެޓް އޮފީހުން ބުންޏެވެ.




