ރަސްމީ ފާލަން ނުވަތަ އިއްޒުއްދީން ފާލަން އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ)އިން ފަށައިފި އެވެ.
އެމްޓީސީސީން ބުނީ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އިއްޒުއްދީން ފާލަން ވަރަށް ބޮޑަށް ވީރާނާވެ މަރާމާތަށް ބޭނުންވެފައިވާކަމަށާއި، އަލުން ތަރައްޤީކުރެވޭ ރަސްމީ ފަލަމަކީ ދިވެހީންގެ ޤައުމިއަޔަތާއި، ސަގާފަތް ރަމްޒުކޮށްދޭ، ގިނަ ދުވަހު ބޭނުންކުރެވޭފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށްދޭ ކަމަށެވެ.
”ޢިއްޒުއްދީން ފާލަން“ އަލުން ތަރައްޤީކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް
އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ، މި މަޝްރޫޢުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލާ އައު ޖެޓީގެ ކޮންކްރީޓް މަސައްކަތާއި، ސްޓީލް ސްޓަރަކްޗަރ ފަރުމާކުރުމާއި، ލަކުޑި އަދި މަތިވަޑައިމުގެ މަސައްކަތް ކުރުމަށެވެ.
11.7 މިލިއަން ދިވެހި ރުފިޔާގެ މި މަޝްރޫއު، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 270 ދުވަސް ތެރޭ ނިންމުމަށް ޝަރުޠުކޮށްނެވެ.
ރަސްމީ ދަތުރުފުޅުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރިންނާއި އިއްޒަތްތެރިން މާލޭއަށް
ފައިބައިވަޑައިގަތުމަށް ބޭނުންފުޅުކުރަށްވާ ޢިއްޒުއްދީން ފާލަމަކ،ީ ދިވެހި ޖުމްހޫރިއްޔާގެ ޢިއްޒަތާއި، ސިޔާދަތާއި، ދިވެހިންގެ
އަމިއްލަވަންތަކަން ރަމުޒުކޮށްދޭ މުހިންމު ބިނާއެކެވެ. ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ މުނާސަބާތާއި ގުޅިގެން، ޢިއްޒުއްދީން ފާލަން އެންމެ ފަހުން ފަރުމާކޮށްފައިވަނީވެސް އެމްޓީސީސީ އިންނެވެ. އޭރު ފާލަން ފަރުމާކުރީ އިހުޒަމާނުގައި ދަތުރުފަތުރުކުރުމަށް ބޭނުންކުރެވުނު އޮޑިދޯނިފަހަރާއި ބައްތެލީގެ ރިޔާތައް ރަމްޒެއް ކަމަށް ބަލައިގެންނެވެ.




