މާލޭގައި ހުންނަ ސިނަމާލެ އަދި މާލެހިޔާ ފްލެޓުތައް ބާވެ، ވީރާނާވާން ދޫކޮށްލާފައިވާކަމުގެ ޝަކުވާއާ އެކު، އެ ފްލެޓްތަކުގައި އުޅޭ މީހުންގެ ޖޫރިމަނާ އެއްކޮށް މާފުކޮށްދީ، އެ މީހުންނަށް 1 ލައްކަ ރުފިޔާގެ އިނާޔަތެއް ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ސިނަމާލެ އާއި މާލެހިޔާ ފްލެޓްތައް ތަޅާލައި އެތަނުގައި ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް ހިންގުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަޝްރޫއު ހިންގަން މާލޭ މޭޔަރު ކަމުގައި ހުންނެވިއިރު ފާސް ވެސް ކުރިއެވެ. އޭރު އެމަނިކުފާނުގެ ވިސްނެވީ މިހާރު އެތަނުން ފްލެޓް މިލްކުކޮށްފައިވާ މީހުންނަށް އާ މަޝްރޫއުން ހިލޭ ފްލެޓް ދީ، އިތުރު ބަޔަކަށް ވެސް ފްލެޓް ދިނުމެވެ.
ސިނަމާލެ އަދި މާލެ ހިޔާ ފްލެޓުތަކުގެ ވެރިންނާ އިއްޔެ ހަވީރު މުލިއާގޭގައި ބައްދަލުކުރައްވައި، ރައީސް މުއިއްޒު ވަނީ އެ މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން އިނާޔަތެއް ހަމަޖައްސަވައިދެއްވުމަށް ނިންމަވާފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުވުމުގައި، ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ވަނީ އެ ފްލެޓްތަކުގެ ހާލަތާއި ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ކަންކަމުގައި ހުރި ކަންބޮޑުވުންތައް ރައީސަށް ހުށަހަޅާފަ އެވެ.
މި ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދެވުމުގެ ގޮތުން ރައީސް ވަނީ، ސިނަމާލެ 1، 2، 3 އަދި 4 އާއި މާލެހިޔާ 1 އަދި 2ގެ ވެރިފަރާތްތަކަށް އިނާޔަތެއް ދެއްވުމަށް ނިންމަވާފަ އެވެ.
އެގޮތުން މި ފްލެޓްތަކަށް ފައިސާ ދެއްކޭ ގޮތް ނުވުމުގެ ސަބަބުން މިހާތަނަށް އަރާފައިވާ ޖޫރިމަނާ އެއްކޮށް މާފުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި ފްލެޓްތައް ބާވެ، ސްޓްރަކްޗާ ހަލާކުވެފައިވާތީ އާއި އެ ކަމަށް ހައްލެއް ހޯއްދައިނުދެވި ގިނަ ދުވަސްވެފައިވާތީ، މި ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް އިނާޔަތެއްގެ ގޮތުގައި 1 ލައްކަ ރުފިޔާ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި އިނާޔަތް ދިނުމުގައި ބަލާނީ:
° ފްލެޓުގެ ވެރިފަރާތުން ފްލެޓަށް ދައްކަންޖެހޭ ޖުމްލަ އަދަދު 1 ލައްކަ ރުފިޔާއަށް ވުރެ ބޮޑުވާ ނަމަ، 1 ލައްކަ ރުފިޔާއާ ހަމައަށް އުނިކުރާނެ
° ފްލެޓަށް ދައްކަންޖެހޭ ޖުމްލަ އަދަދު 1 ލައްކަ ރުފިޔާއަށް ވުރެ ކުޑަ ނަމަ، އެ މިންވަރެއް މާފުކޮށްދިނުމަށް ފަހު، މި އަދަދުން ބާކީވާ މިންވަރެއް ފްލެޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކުރާނެ
° ފްލެޓް މިލްކުކުރުމަށް ފައިސާ ދައްކާ ނިންމާފައިވާ ފަރާތްތަކަށް 1 ލައްކަ ރުފިޔާ އެއްކޮށް، އެޕާޓްމަންޓްގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދޭނެ



