ބަންގްލަދޭޝްގެ އައު ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް މިއަދު ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝް (ޕީއާރްބީ) ގެ އިންޓަރިމް ސަރުކާރުގެ ޗީފް އެޑްވައިޒަރު ޑރ. މުޙައްމަދު ޔޫނުސްގެ ދަޢުވަތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެ ވަޑައިގަންނަވަނީ ދާދިފަހުން އަވަހާރަވި އެޤައުމުގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާގެ ދަރިކަލުން އަދި ބީއެންޕީގެ ޗެއަރމަން ޠާރިޤު ރަޙްމާނެވެ. ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ފަށާފައިވަނީ މިއަދު ރާއްޖެ ގަޑިން 09:00 ގައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ބަނގްލަދޭޝްގެ ބޮޑުވަޒީރުކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެ ތާރިޤް ރަޙްމާނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ބަންގްލަދޭޝްގެ އިންތިޚާބުގެ ރަސްމީ ނަތީޖާތައް ދެއްކިގޮތުން، ޤާނޫނު ހަދާ މަޖިލީހުގެ 299 ގޮނޑީގެ ތެރެއިން ބީއެންޕީއާއި އެ ޕާޓީއާ ގުޅިފައިވާ އިއްތިޙާދުން ވަނީ މަދުވެގެން 212 ގޮނޑި ކާމިޔާބުކޮށްފައެވެ. މި ދަތުރުފުޅަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާދަމާ ރާއްޖެ ވަޑައިގަންނަވާނެއެވެ.
ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 22 ސެޕްޓެމްބަރު 1978 ގައެވެ.
ރައީސްގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.




