ކުރިއަށް އޮތް ރަމަޟާން މަހު މާލެ ސަރަޙައްދުގައި މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި މުދާ އުފުލުން މަނާ ގަޑިތައް ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އެ މިނިސްޓްރީން އާންމުކުރި ގޮތުގައި، ރަމަޟާންމަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އަދި ޝައްވާލުމަހުގެ 1 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން 9:30އަށް އަދި 16:30 އިން 20:00އަށް މުދާ އުފުލުން މަނާވާނެއެވެ.
އަދި ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް 16:30އިން 20:00އަށް މިގަޑިތަކުގައި ބަރު އުޅަނދު ދުއްވުމާއި މުދާ އުފުލުން މަނާވާނެއެވެ.
މި އުސޫލާއި ޚިލާފުވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫން ދަށުން -/750 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް މާލޭ ސަރަޙައްދުގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށާއި، މަގުމަތި ބޭނުންކުރުން ފަސޭހަކުރުމަށްޓަކާ ބަރު އުޅަނދު ދުއްވުމާއި މުދާ އުފުލާ ވެހިކަލްތައް ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައެވެ.



