ނ. ވެލިދޫއާއި މާފަރުގައި ކަރަންޓު އަޕްގްރޭޑް ކުރުމަށް ފެނަކައިން މުހިންމު މަސައްކަތްތަކެއް ކުރަމުންދާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.
ފެނަކައިން މިއަދު ބުނީ، ވެލިދޫގައި ކަރަންޓު ނެޓްވޯކު އަޕްގްރޭޑް ކުރުމަށް ކުރިއަށްދާ މަޝްރޫޢުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އެ ރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށް ހިންގޭ އެ މަޝްރޫޢުގެ ދަށުން ޖުމްލަ 6 ސަބްސްޓޭޝަނެއް އަލަށް ޤާއިމްކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ފެނަކައިން ބުންޏެވެ.
މީގެ ތެރެއިން ފުރަތަމަ ސަބްސްޓޭޝަންގެ މަަސައްކަތް އެއްކޮށް ނިމި މިހާރުވަނީ ކަރަންޓް ގުޅައި ޚިދުމަތަށް ބޭނުން ކުރަން ފަށާފައި ކަމަށާއި އަދި އިތުރު 4 ސަބްސްޓޭޝަންގެ ކޮންކްރީޓް މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަަށް ވެސް ފެނަކަ އިން ބުންޏެވެ.
އެގޮތުން މި ސަބްސްޓޭޝަންތައް ރާނާ، ހިޔާކޮށް، ޓްރާންސްފޯމަރ ބަހައްޓާ، ޕެނަލްތައްވެސް ވަނީ ހަރުކޮށްފައި ކަމަށާއި މި މަސައްކަތުގެ ދަށުން މިހާރު ކުރިއަށް ދަނީ އެ ޓްރާންސްފޯމަރުތަކުން ޑީބީތަކަށް ކަރަންޓް ގުޅާލުމުގެ މަސައްކަތް ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.
ވެލިދޫގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ކުރުމުގެގޮތުން ރަށުގެ ބޮޑު ސަރަޙައްދެއްގައިވަނީ މުޅިން އައު ކޭބަލްތައް ވަޅުލައި ޑިސްޓްރިބިއުޝަން ފޮށިތަކާ ގުޅާލެވިފައެވެ.
އެގޮތުން އެ ރަށުގައި މިހާރު ބޭނުން ކުރަމުންދާ ކޭބަލް، 70ސމމ – 95ސްމމ ކޭބަލަށް ވަނީ އަޕްގްރޭޑް ކޮށްފައެވެ. މި މަސައްކަތް ނިމުމުން ކަރަންޓު ވޯލްޓޭޖް ދަށްވުމުގެ މައްސަލައަށް ޙައްލެއް ލިބި ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެ ކަމަށާއި އަދި މި މަސައްކަތުގެ ދަށުން ޤާއިމްކުރެވޭ އިތުރު 2 ސަބްސްޓޭޝަންގެ މަަސައްކަތް ނިމުމާއެކު ރަށުގައި އަލަށް އާބާދުވާ ސަރަޙައްދަށް ކަރަންޓު ފޯރުކޮށްދެވިގެން ދާނެ ކަމަށް ފެނަކައިން ބުންޏެވެ.
މީގެ އިތުރުން ނ. މާފަރުގައި ވެސް ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމުގެ ގޮތުން ންޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ފެނަކައިން ކުރިއަށް އެބަގެންދެއެވެ.
އެގޮތުން މިހާރު ކުރިއަށް ދަނީ އެރަށުގެ 3 ސަރަޙައްދެއްގައި އަލަށް ބެހެއްޓޭ 3 ޓްރާންސްފޯމަރު އެޅުމަށް ހަޓްތައް ޤާއިމްކުރުމުގެ މަސައްކަތް ކަމަށާއި މި މަސައްކަތުގެ ދަށުން، ޓްރާންފޯމަރު ބަހައްޓާ ބުޑުތައް އަޅައިނިމި މިހާރު ކުރިއަށް ދަނީ ތަނބުތައް ބެހެއްޓުމުގެ މަަސައްކަތެވެ. އަދި މި ޓްރާންސްފޯމަރުތަކުން ކަރަންޓު ފޯރުކޮށްދިނުމަށް މުޅިން އައު ކޭބަލް އެޅުމުގެ މަސައްކަތްވެސް ނިންމާލާފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
އަލަށް އަޅާފައިވާ ކޭބަލްތަކަކީ، މިހާރު މާފަރުގައި ބޭނުންކުރާ ސައިޒަށްވުރެ ބޮޑެތި ކޭބަލްއެވެ. މި ޓްރާންސްފޯމަރުތައް ބެހެއްޓި ކަރަންޓު ދޭން ފެށުމުން ރަށުގެ ކަރަންޓުގެ ޙާލަތު ވަރަށް ބޮޑަށް ރަނގަޅުވެ، އަލަށް އާބާދުވާ ސަރަޙައްދަށްވެސް ކަރަންޓުގެ ޚިދުމަތް ރަނގަޅު ފެންވަރުގައި ފޯރުކޮށްދެއްވިގެން ދާނެ ކަމުގައި ފެނަކައިން ބުންޏެވެ.



