އިލެކްޝަން ކޮމިޝަނުން ހުސްވެފައިވާ މެންބަރުގެ މަގާމަށް އެ ކޮމިޝަނުގެ ވަކީލެއްގެ ގޮތުން ކުރިން މަސައްކަތް ކުރެއްވި ރިފްއަތު އަބްދުﷲ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އީސީގެ މެންބަރު ކަމަށް ހުޅުވާލާފައިވަނީ އެ ކޮމިޝަންގެ މެންބަރުކަމުގައި ހުންނެވި ޑރ. މުޙައްމަދު ޒާހިރުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
އެގޮތުން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވީ ރިފްއަތުގެ ނަމެވެ. އަދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ރިފްއަތުއާ އިންޓަވިއު ކުރުމަށްފަހު ނިންމެވީ އޭނާގެ ނަން ފާސްކުރަން ތަޅުމަށް ފޮނުވުމަށެވެ.
އެކަމާ ގުޅޭގޮތުން މިއަދުގެ މަޖިލިސަ ޖަލްސާގައި ނެގި ވޯޓުގައި އެ މަގާމަށް ރިފްއަތު އައްޔަނުކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 58 މެންބަރުންނެވެ.
މިހާރު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމުގައި މަސައްކަތް ކުރައްވާ ރިފްއަތަކީ އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ހުށަހެޅި ބޮޑެތި މައްސަލަތަކެއްގައި ކޯޓުގައި އެ ކޮމިޝަންގެ ދިފާއުގައި ވަކާލާތު ކުރެއްވި ބޭފުޅެކެވެ.




