އެތީސްޓުންނަކީ އެއްވެސް ދީނެއް، އަދި ކަލަކު ވެސް ވާ ކަމަށް ޤަބޫލުނުކުރާ މީހުންކަން އެންމެންނަށް އެނގެއެވެ. ދުނިޔެމަތީގައި ރޫހާނީ ދިރުންތަކެއް ވެސް ވާ ކަމާއި، އުޑާއި ބިން އަދި ވާ ހާ ހުރިހާ އެއްޗެއް އުފެއްދި ފަރާތެއްވާކަން އެރީސްޓުން ޤަބޫލެއް ނުކުރެއެވެ.
ނާއިލާ އެޑްވާޑްސް އަކީ ވެސް މީގެ ކުރިން އެފަދަ މީހެކެވެ. ނަމަވެސް ދިރިއުޅުމުގައި ދިމާވި ބިރުވެރި ހާދިސާތަކަކުން ހެއްދެވި ފަރާތާއި ކަލާނގެއާމެދު އޭނާގެ ކުރިން ހުރި ވިސްނުން ބަދަލުވެ، އިސްލާމް ވިއެވެ.
ނާއިލާ އޭނާގެ ވާހަކަ ކިޔައިދޭން ފެށީ، 2011 ވަނަ އަހަރު އޭނާ އަލަށް ބަދަލުވި ގެއެއްގައި ރައްޓެހިންތަކަކާއެކު ”ހައުސް ވޯމިންގް“ ހަފްލާއެއް ބޭއްވި ދުވަހުން ފެށިގެންނެވެ.
ނާއިލާގެ ރަހުމަތްތެރިން ވާހަކައިގައި ތިއްބާ ކުއްލިއަކަށް ގޭގެ އެންމެ ތިރީ ފަންގިފިލާއިން ވަރަށް ބާރު އަޑެއް އިވުނެވެ. މި އަޑު އިވިގެން އޭނާ ތިރިއަށް ދިޔައިރު، އެނާގެ އެންމެ ގާތް ރަޙްމަތްތެރިޔާ އެތަނުގައި ހުރީ ވަރަށް ބޮޑަށް ބިރުންގެންފައެވެ. ވީ ކީއްތޯ ނާއިލާ އެހުމުން ޖަވާބުގައި ރަޙުމަތްތެރިޔާ ބުނީ ނާއިލާގެ ކުއްތާ ގޭގެ ދޮރާ ދިމާލަށް ދިޔަ ތަނާ، ދޮރު އަމިއްލައަށް ވަރަށް ބާރަށް ލެއްޕުނީކަމަށެވެ. މިކަމާ މެދު ހުރިހާ އެންމެންވެސް ބިރުން އެންމެންވެސް އެވަގުތު އެ ގެއިން ބޭރަށް ނުކުމެ އެހެންތަނަކަށް ދިޔައީއެވެ. ނަމަވެސް އެރެއަށްފަހު ހާދިސާއާ މެދު އެއްވެސް ވަރަކަށް ނުވިސްނޭ ކަމަށްވެސް ނާއިލާ ކިޔައިދިނެވެ.
މި ހާދިސާއަށްފަހު ނާއިލާއަށް ގޭތެރެއިން ދޭތެރެއަކުން އާދަޔާ ޚިލާފު ކަންކަން އެ ގޭ ތެރެއިން ފެންނަންފެށިއެވެ. އެގޮތުން ބައެއް ދުވަސްދުވަހު ވަޒީފާ ނިންމާފައި ގެއަށް އަންނައިރު ގޭގައި ބަހައްޓާފައި ހުންނަ ތަކެތި ބެހެއްޓިތަން ނޫން އެހެން ތަނެއްގައި ހުރުމާއި، ކޮޓަރިތެރެއިން ކޮންމެވެސް އެއްޗެއް ވެއްޓޭ އަޑު އިވުން ކަހަލަ ކަންތައް ދިމާވި ނަމަވެސް ނާއިލާއަށް ވިސްނުނީ އެއީ ހީވާ ހީވުންތަކެއްގެ ގޮތުގައެވެ.
މިހެންގޮސް 4 މަސް ފަހުން އެއް ރެއެއްގައި ނާއިލާ ނިދަން ތައްޔާރުވުމަށްފަހު ގޭގެ ބޮކި ނިއްވާލަން ދިޔަ ވަގުތުގައި ކުއްލިއަކަށް ހިތަށް ނުތަނަވަސްކަމެއް ވެރިވިއެވެ. އަދި ވަރަށް ނާމާން ކަހަލަ އަޑެއް އިވުނުހެން އޭނާއަށް ހީވުމުން އަވަހަށް ބޮކި ނިއްވާލައި ކޮޓަރިއަށް ވަދެ ދޮރު ތަޅުލީއެވެ. އެއާއެކު އޭނާގެ ކޮޓަރީގެ ދޮރުގައި ވަރަށް ބާރަށް އެއްޗެއް ޖެހުމާއެކު މުޅި ދޮރަށް ވެސް ގުޑުންއަރައިގެންދިޔަ ކަމަށް ނާއިލާ ކިޔައިދީފައިވެއެވެ.
ނާއިލާއަކީ އެތީސްޓެއް ނަމަވެސް އެ ބިރުވެރި ވަގުތުގައި އޭނާގެ ހިތަށް އެރީ އެންމެ ފަރާތެކެވެ. ﷲ އެވެ. އޭނާ އެވަގުތު ﷲގެ ހަޟްރަތުން ރައްކާތެރިކަމަށް އެދި ދުޢާކުރިއެވެ. އެރޭ އޭނާ ހީކޮށްގެން ހުރީ އޭނާއަށް އެއްވެސް ވަރަކަށް ނުވެސް ނިދޭނެ ކަމަށެވެ. ނަމަވެސް ވަރަށް ފަސޭހަކަމާއެކު އޭނާއަށް އެރޭ ނިދުނުކަމަށް އޭނާ ކިޔައިދިނެވެ. އަނެއް ދުވަހު ހެނދުނު ހޭލުމަށްފަހު އޭނާ އެރޭގައި ވީ ކަންތަކާމެދު ވިސްނުމުން ވީ ކިހިނެއްކަން ޚުދު އޭނާއަށްވެސް ފަހުމުވާން ދަތިވުމުން، އިސްލާމް ދީނަށް މަގު ދައްކަވައިދިނުމަށް އެދި އޭނާ ﷲގެ ހަޟްރަތަށް ދުޢާކުރިއެވެ.
މި ދުވަހަށްފަހު އޭނާގެ ހިތުގައި އިސްލާމް ދީން އުނގެނުމަށް ވަރަށް ޚާއްސަ ޝައުގުވެރިކަމެއް އުފެދި، އޭނާ މަސައްކަތް ކުރީ މީހުން ގާތުގައި އަހައިގެންވެސް އިސްލާމްދީނުގެ މަޢުލޫމާތު ހޯދުމަށެވެ. އިސްލާމްދީން ޤަބޫލުކުރުމަށް ކަނޑައެޅުމުގެ މާކުރިން އޭނާ ރާ ބުއިންވެސް ހުއްޓާލިއެވެ. އޭނާ އަކީ ކުރާ ކޮންމެ ކަމެއްވެސް އެންމެ ފުރިހަމައަށް ކުރަން ބޭނުންވާ މީހެއްކަމުން އޭނާ ބޭނުންވީ ފުރަތަމަ މަޑުމަޑުން އިސްލާމްދީނުގެ އެކި ކަންކަން ދަސްކުރާށެވެ. އެގޮތުން އެއަހަރުގެ ރަމަޟާން މަހުގައި ކޮންމެ ދުވަހަކު ރޯދަ ހިފަން ފެށިއެވެ. އަދި ގަނޑެއްގައި ނަމާދު ކުރާގޮތް ޕްރިންޓްކޮށްގެން ނަމާދުކުރަން ފަށައި ހިޖާބުވެސް އެޅިއެވެ. އަދި ކޮންމެ ދުވަހަކު ޤުރްއާނުން މިންވަރެއްވެސް ކިޔެވިއެވެ. މިހެންގޮސް ރަމަޟާން މަހުގެ މެދުތެރެއާ ހަމައިން އޭނާ ބޭނުންވީ އިސްލާމްދީން ޤަބޫލުކުރާށެވެ.
އެއީ އޭނާ މާދަމާވެސް މަރުވެއްޖެނަމަ ޣައިރު މުސްލިމެއްގެ ގޮތުގައި އޭނާ މަރުވެދާނެ ކަމުގެ ބިރު ހީވުމުންނެވެ. އެހެންކަމުން އޭނާ އަމިއްލައަށް ޝަހާދަތްކިޔާނެ ގޮތް ގޫގުލް ކުރުމަށްފަހު އެރޭ ޢިޝާ ނަމާދުކޮށްނިމިގެން އޭނާ ޝަހާދަތްކިޔައި އިސްލާމްދީން ޤަބޫލުކުރިއެވެ.
ނާއިލާ މިވާހަކަ ކިޔާދޭއިރު އޭނާ މުސްލިމަކަށް ވިތާ 10 އަހަރު ވެއްޖެއެވެ. އޭނާ ބުނާގޮތުގައި އޭނާގެ ދިރުއުޅުމުގެ އެންމެ ރަނގަޅު ބަދަލަކީ އިސްލާމްދީން ޤަބޫލުކުރުމެވެ. އެ ދީނުގެ ސަބަބުން އޭނާގެ އާއިލާއާއެކު އޮންނަ ގުޅުންވެސް އިތުރަށް ވަރުގަދަ ވެގެންގޮސް، ދިރުއުޅުމުގައި ދިމާވާ ކޮންމެ ކަމަކަށްވެސް ކުރިމަތި ލުމުގެ ހިތްވަރު އޭނާގެ ކިބައިގައި މިހާރު ހުންނަ ކަމުގައި އޭނާ ވަރަށް އުފަލާއެކު ބުނެއެވެ. މި ދުނިޔެއަކީ ވަގުތީ ތަނެއްކަމަކާއި، އިންސާނުންގެ އަސްލު މަންޒިލަކީ ސުވަރުގެ ކަމުގައި ޤަބޫލުކުރެވުމަކީ މިކަމުގެ އެންމެ ބޮޑު ސަބަބު ކަމުގައިވެސް އޭނާ އޭނާގެ ވާހަކަ ނިންމައިލަމުން ބުނެއެވެ.




