މި އަހަރުގެ ފުރަތަމަ ކުއާޓާގައި އާސަންދައިގެ ޖުމްލަ ހޭދަ 838 މިލިއަން ރުފިޔާއަށް އަރާފައިވާކަން އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އާސަންދަ ކުންފުނިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހު ޖުމްލަ 838 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި މިދިޔަ އަހަރު ފުރަތަމަ ތިންމަސްދުވަހު 799 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. އެހެންކަމުން ދެއަހަރުގެ މި މުއްދަތުގައި ހޭދަކުރި މިންވަރަށް ބަލާއިރު މިއަހަރު މިވަނީ %4.8 އިތުރަށް ހޭދަކޮށްފަ އެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު އާސަންދަ ސްކީމުގެ ދަށުން 276،439 މީހުން ޚިދުމަތް ހޯދާފައިވެއެވެ. އަދި އަވަސް ފަރުވާ ދިނުމަށް އެއް ރަށުން އަނެއް ރަށަށް މީހުން ގެންދިއުމަށް އެ ސްކީމުގެ ދަށުން 1،599 ދަތުރުކޮށްފައިވާއިރު، ފަރުވާއަށް ރާއްޖެއިން ބޭރަށް 1،691 ބަލިމީހުން މި މުއްދަތުގައި ފޮނުވާފައި ވެއެވެ.
Aasandha Scheme Statistics 2024: Quarter 1
For more details: https://t.co/S2pV0bydYc pic.twitter.com/eeRmElY1jc— Aasandha Company Ltd (@AasandhaLtd) May 12, 2024
އާސަަންދަ ސްކީމް ހަރުދަނާކޮށް އިތުރު ޚިދުމަތްތައް ތައާރަފު ކުރަމުންދާއިރު، އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭގޮތް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. 01 އޭޕްރީލުން ފެށިގެން އިތުރުކުރެވުނު އުމުރު ފުރާއަކީ 35 އަހަރުން މަތީގެ އުމުރުފުރައިގެ އިތުރުން 40 އަހަރުން މަތީގެ އުމުރު ފުރާތަކަށް ޚާއްޞަކޮށް ދުރާލާ ކެންސަރު ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް އެކުލެވޭ ޕެކޭޖެކެވެ.
މީގެ އިތުުރުން އާސަންދަ ސްކީމުގެ ދަށުން ’އައި.ޔޫ.އައި‘ އަދި ’އައި.ވީ.އެފް‘ ގެ ފަރުވާ ފޯރުކޮށްދެވޭނެ ގޮތް ވެސް ދަނީ ހަމަޖައްސަމުންނެވެ.



