އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ހުޅުމާލޭ އައުޓްލެޓް ރަސްމީކޮށް ރޭގައި ޚާއްސަ ހަފްލާއަކުން ހުޅުވައިފިއެވެ.
މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް، ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަލްފާޟިލް މުހައްމަދު ސަޢީދެވެ.
ހުޅުމާލޭގައި އާބާދީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، އެސްޓިއޯގެ އައުޓްލެޓެއް އެތަނުގައި ނެތުމަކީ ގިނަ ބަޔަކު ކުރަމުން އަންނަ ޝަކުވާއެކެވެ. އެހެންކަމުން، ހުޅުވިގެން މިދިޔަ އައުޓްލެޓާއެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެސްޓީއޯ އިން ވިއްކާ މުދާތައް ފަސޭހަ ކަމާއިއެކު ލިބިގެންދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

މި ބަރަކާތްތެރި ރަމަޟާން މަހު، ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން އަސާސި ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވިގެން ދިޔަ 23 ބާވަތް މި އައުޓްލެޓުން ލިބެން ހުންނާނެ ކަމަށާއި މީގެ އިތުރުން އެސްޓީއޯއިން އެތެރެކޮށް ވިއްކާ ބްރޭންޑްތަކުގެ އުފެއްދުންތައް، މާލޭގެ އެސްޓީއޯ ޕީޕަލްސް ޗޮއިސްއާއި އެއްގޮތަށް ހުޅުމާލޭ އައުޓްލެޓުން އާއްމުންނަށް ލިބިގެންދާނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ. މި ތަކެތީގެ އިތުރުން އެސްޓީއޯގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ހިޓާޗީ، އެލްޖީ އަދި ފިލިޕްސް ބްރޭންޑުގެ ހޯމް އިމްޕްރޫވްމެންޓް ސާމާނުތައް ވެސް މި އައުޓްލެޓުން ލިބެން ހުންނާނެއެވެ.
މީގެއިތުރުން މި އައުޓްލެޓުން އަސާސީ ކާބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ ހުރިހާ އައިޓަމްތަކެއް ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ. އަދި ކުރިއަށް އޮތްތާނގައި ހުޅުމާލޭގައި އުޅޭ ވިޔަފާރިވެރިންނަށް ހޯލްސޭލްކޮށް މިތަކެތި ދޫކުރުމުގެ އިންތިޒާމުވެސް ހަމަ ޖެހިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެސްޓީއޯ އިން ބުނީ، މި އައުޓްލެޓަކީ ރަމަޟާން މަހާއި ގުޅިގެން ހުޅުވުނު އައުޓްލެޓެއް ކަމުގައި ވިޔަސް ކުރިއަށް އޮތް ތާނގައިވެސް މި އައުޓްލެޓްގެ ޚިދުމަތް އާމުންނަށް ލިބިގެންދާނެ ކަމަށެވެ.
މި ފިހާރަ ހުންނާނީ ހުޅުމާލޭ ރީތިގަސް މަގު (ރެއިން ކޮރަލް ރެޒިޑެންސް) ގައެވެ.
ހުޅުވާފައި ހުންނަ ގަޑިތައް:
° ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު: 22:00 – 08:30
° ހުކުރު ދުވަހު: ހަވީރު 22:00 – 16:00




