ފުލުހުންގެ ހިދުމަތުގައި ދިގު 32 އަހަރު ހިދުމަތް ކުރެއްވުމަށްފަހު، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން މިއަދު އެ މުއައްސަސާއިން ރިޓަޔާ ކުރައްވައިފިއެވެ.
ޕޮލިސް ކޮމިޝަނަރުކަމާ ނަވީން ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. އޭނާ އެ މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައި އެކަން ސިޓީއަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެންގެވީ މިދިޔަ އާދީއްތަ ދުވަހުގައެވެ. އެ ސިޓީގައިވާ ގޮތުން ނަވީން ރިޓަޔަކުރައްވަން ނިންމާފައިވަނީ މިއަދުން ފެށިގެންނެވެ.
ނަވީން މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތުން މިއަދު ވަކިވެވަޑައިގަތީ މީގެ ގާތްގަނޑަކަށް 32 އަހަރުގެ ކުރިން އެ ހިދުމަތާ ގުޅުނު ގޮތަށް ކަމަށެވެ. އެއީ ފުލުހުންގެ ބެޖަށް އޮތް އިހުތިރާމާއި މުއައްސަސާއާ މެދު އޮތް އިތުބާރާއި ގައުމަށް އޮތް ލޯބި އެގޮތުގައި އޮތުމުން ކަން އޭނާގެ ޕޯސްޓުގައި ފާހަަގަކުރެއްވިއެވެ.
މީގެއިތުރުން ފުލުހުންގެ އިސް ބޭފުޅުންނަށް ނަވީން ފޮނުއްވި މެސެޖެއްގައި ވަނީ ރިޓަޔާކުރަން ނިންމީ ވަރަށް ފުންކޮށް ވިސްނެވުމަށްފަހު ކަމަށެވެ.
”އަޅުގަނޑުގެ ހިތުގައި މިކަން އެނބުރޭތާ ދުވަސްތަކެއް ވެއްޖެ“ ނަވީންގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ނަވީން ވިދާޅުވީ ފުންކޮށް ވިސްނެވުމަށް ފަހު، އޭނާއަށް ގަބޫލުކުރެއްވުނީ ކޮމިޝަނަރުގެ މަސްއޫލިއްޔަތުތަކުން ދުރުވެ، މުއައްސަސާގެ ލީޑަޝިޕް އޮމާންކަމާ އެކު ބަދަލުވާން ފުރުސަތު ދޭން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށެވެ.




