ރަމަޟާން މަހަށް ހާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގާއިމްކޮށްފައިވާ ވަގުތީ ”ރޯދަ މާރުކޭޓު“ އިއްޔެ ހުޅުވައިފިއެވެ.
އެޗްޑީސީން ބުނި ގޮތުގައި މި މާރުކޭޓަކީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް މި ރަމަޟާން މަހު ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަރައްގީކުރި މާރުކޭޓެކެވެ.
އެގޮތުން އެ މާރުކޭޓުން، މަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީ އަދި އެހެނިހެން ދިވެހި ކާބޯތަކެތީގެ ބާވަތްތައް ލިބެން ހުންނާނެ ކަމުގައި ވެސް އެޗްޑީސީން ބުނެފައިވެއެވެ.

ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަވާގޮތަށް، އެ މާރުކޭޓު ގާއިމްކޮށްފައިވަނީ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް ދޭތެރޭގައެވެ.
އެޗްޑީސީން އަބަދުވެސް މަސައްކަތްކުރަނީ ހުޅުމާލެއަކީ ހުރިހާ ހިދުމަތެއްވެސް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބެން ހުންނަ އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމުގައި އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.



