ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން އެ މަގާމުން އިއްޔެ ރިޓަޔާ ކުރެއްވުމާ ގުޅިގެން، ފުލުހުންގެ އިދާރާގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކުރައްވައިފިއެވެ.
ފުލުހުންގެ އިދާރާއަށް 32 އަހަރު ހިދުމަތް ކުރެއްވުމަށްފަހު ނަވީން ވަނީ އިއްޔެއިން ފެށިގެން ރިޓަޔާ ކުރައްވާފައެވެ. އެކަމާ ގުޅިގެން ފުލުހުންގެ އިދާރާ ހިންގުމުގެ ޒިންމާ ފަރުހާދު ފިކުރީއާ ހަވާލުކުރެއްވުމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން ވަނީ މިއަދު ނިންމަވާފައެވެ.
މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ނަވީން ސީޕީކަމާ ހަވާލުވެވަޑައިގެންނެވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް، މިދިޔަ އަހަރުގެ އޭޕްރީލް 26ގައި އިސްތިއުފާ ދެއްވުމުންނެވެ. ޝުޖާއު ވެސް ވަނީ ރިޓަޔާ ކުރައްވައިފައެވެ.
ސީޕީ ކަމުގެ މަގާމަށް ނަވީންގެ އިތުރުން ފަރުހާދާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ވެސް ކުރިމަތިލެއްވިއެވެ.




