މަސްދަޅު ކޭސް މިހާތަނަށް ނުނަގާ ހުރި ގޭބިސީތަކަށް، މާލެއާއި ހުޅުމާލޭގައި އިތުރު އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް ސިޓީތަކާބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ބުނީ މިއީ މިއީ އެކި ސަބަބުތަކާ ހުރެ މިހާތަނަށް ރޯދަ ހަދިޔާ ނުނެގިވާ ފަރާތްތަކަށް ފަސޭހަކޮށް ދިނުމަށް ކަނޑައެޅި އިންތިޒާމުތަކެއް ކަމަށެވެ.
ރޯދަ ހަދިޔާގެ ގޮތުގައި މަސްދަޅު ކޭސް ދޫކުރަން ފެށީ، ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. މާލެ ސަރަޙައްދުގައި 15 މަރުކަޒަކުން މަސްދަޅު ކޭސް މި ހިނގާ ފެބްރުވަރީ މަހުގެ 11 ވަނަ ދުވަހާއި ހަމަޔަށް ދޫކުރިއެވެ.
ނަމަވެސް އެއްވެސް ސަބަބަކާ ހުރެ ރޯދަ ހަދިޔާ ނުލިބިވާ ފަރާތްތަކަށް ރޭގެ ނިޔަލަށް މާލޭގެ މިފްކޯ ފިހާރައިން އައީ ރޯދަ ހަދިޔާ މަސްދަޅު ކޭސް ދޫކުރަމުންނެވެ.
މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވީ، އެކި ސަބަބުތަކާހުރެ މަސްދަޅު ކޭސް ނުނެގި ހުރި ފަރާތްތަކަށް އެ ފުރުސަތު ދިނުމަށް، މާލޭގެ އިތުރުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައިވެސް އިތުރު އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
މިމަސައްކަތުގެ ދަށުން މިނިސްޓްރީގެ ޕަބްލިކް ވަރކްސް ފެންޑާ (މާފަންނު ޓްރެކް ދަނޑު ކައިރި) އަދި ހުޅުމާލެ ފޭސް 1އާއި، ފޭސް 2ގައި ހުންނަ މިފްކޯގެ ފިހާރައިން މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ދާނެ ކަމަށެވެ.
ރޯދަ ހަދިޔާ ދޫކުރާނީ، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ރޭގަނޑު 09:30 އިން 11:00 އަށެވެ.




