ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ވައިގެ ނުސާފުކަން މިއަދު ވެސް ހުރީ ސިއްހީ ގޮތުން ނުރައްކާ މިންވަރެއްގައި ކަމަށް ވައިގެ ސާފުމިން ބަލާ ”އައިކިއު އެއާ“ އިން ދައްކާފައިވެއެވެ.
ވައިގެ ސާފުމިން ބަލާ މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ އުތުރުން ކުޅުދުއްފުށީ ސަރަހައްދުގައި މިއަދު ވައިގެ ސާފުމިން ހުރީ 159 ގައެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު ނުރައްކާ މިންވަރެކެވެ. މީގެ އިތުރުން މެދުރާއްޖޭތެރެއިން މާލޭ ސަރަހައްދުގައި ވެސް ވައިގެ ނުސާފުކަން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މާލޭ ސަރަހައްދުގެ ވައިގެ ސާފުމިން ހުރީ 154 ގައެވެ.
ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ހޭޒްގެ އަސަރު ފޯރާފައިވީ ނަމަވެސް، މި އަސަރު އެންމެ ކުޑައީ ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކާއި އައްޑޫއަށެވެ. އެ ސަރަހައްދުތަކުގައި ވައިގެ ސާފުމިން ހުރީ އާދައިގެ ނުވަތަ އާންމު ހާލަތެއްގައެވެ.
ރާއްޖޭގެ ވައި ނުސާފުވެ، ފުސްކަން ގަދަވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުންނާއި، ކުޑަކުދިންނާއި އަދި އުމުރުން ދުވަސްވީ މީހުން ބޭރަށް ނުކުމެ އުޅުމުގައި ސަމާލުވުމަށް އެޗްޕީއޭއިން ބާރުއަޅައެވެ.




