މި އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ އިޙްޔާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމް މިރޭ އޮންނާނެއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ އޮންނަ ފޯރަމްގެ މަޢުޟޫއަކީ ”ރަމަޟާން މަހުގެ މަތިވެރިކަން“ މިއެވެ. މިރޭގެ ފޯރަމްގައި ތަޤުރީރުކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. މި ފޯރަމް ފަށާނީ 21:30 ގައެވެ.
މި އަހަރު މުޅި ޖުމްލަ 18 އިޙްޔާ ފޯރަމް ބާއްވާނެ ކަމާއި، އޭގެތެރެއިން 8 ބައްދަލުވުން މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މާލޭގައި ކުރިޔަށް ގެންދާ އިޙްޔާ ފޯރަމްތައް މިރެއިން ފެށިގެން މިއަންނަ މާރިޗު މަހުގެ 15އާ ހަމައަށް ކުރިޔަށްގެންދާނެއެވެ. މި ފަހަރު ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ ވިލޭރެއަކާއި ހުކުރު ވިލޭރޭގައެވެ.
އެ މިނިސްޓްރީން ބުނީ، އަތޮޅުތެރޭގެ 10 ރަށެއްގައި އިޙްޔާ ފޯރަމް ކުރިޔަށް ގެންދިއުމަށް ނިންމަވާފައިވާކަމަށެވެ. މި ފޯރަމްތައް ކުރިއަށްދާނީ މި މަހު 20 ވަނަ ދުވަހުން ފެށިގެން މާރިޗު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް ބުންޏެވެ.
އިޙްޔާ ފޯރަމް ބާއްވާ ރަށްތަކާއި ދުވަސްތައް:
° ތ. ދިޔަމިގިލި: 20 ފެބުރުވަރީ
° ތިނަދޫ ސިޓީ: 23 ފެބްރުއަރީ
° ގދ. މަޑަވެލި: 24 ފެބްރުއަރީ
° ގދ. ގައްދޫ: 25 ފެބްރުއަރީ
° ހއ. އިހަވަންދޫ: 27 ފެބްރުއަރީ
° ޅ. ނައިފަރު : 3 މާރިޗު
° ކ. ހިންމަފުށި: 4 މާރިޗު
° ކ. ގުރައިދޫ: 6 މާރިޗު
° ލ. މާވަށް: 9 މާރިޗު
° ރ. މީދޫ: 11 މާރިޗު



