ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްދެއްވުމަށް ”ދޮރުންދޮރަށް“ ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފައްޓަވައިފިއެވެ.
ރައީސް މުޢިއްޒު މިއަދު މެންދުރު ވަނީ މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވައި ގިނަ ބަޔަކާ ބައްދަލުކުރައްވާފައި ކަމަށް އެ ޕާޓީން ބުންޏެވެ.
މި ހަރަކާތުގައި ރައީސްގެ އަރިހު ބައެއް މިނިސްޓަރުންނާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ ޓިކެޓުގައި މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި ރައްޔިތުންގެ މަޖިލިހުގައި ޕީއެންސީ ތަމްސީލް ކުރައްވާ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާފައިވާ މޫސާ އަލީ ޖަލީލް ވެސް ރައީސް މުއިއްޒުގެ އަރިހުގައި ގޭގެ އަށް ވަޑައިގެން ކެމްޕެއިން ކުރެއްވިއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ލީޑަޝިޕުން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރައީސް މާލޭގެ އެކި އަވަށްތަކުގެ ގޭގެއަށް ވަޑައިގެން އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.



