ޖިންސީ ކުށުގެ އެތައް އަމަލެއް ހިންގުމުގެ ކުށުގައި ޖަލަށް ލާފައި ވަނިކޮށް އަމިއްލައަށް މަރުވި ޖެފްރީ އެޕްސްޓީންގެ އެކުވެރިއެއް ކަމަށްވާ އިނގިރޭސި ވިލާތުގެ ކުރީގެ ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފިއެވެ.
އެންޑްރޫ ހައްޔަރު ކޮށްފައިވަނީ ވިޔަފާރީގެ މަންދޫބެއްގެ މަގާމުގައި ހުންނެވި އިރު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައެވެ.
”ރަސްމީ ވަޒީފާގައި ހުންނެވި އިރު ނަހަމަ ގޮތުގައި އަމަލުތައް ބެހެއްޓުމުގެ ތުހުމަތުގެ ތަހުގީގަށް މިއަދު (19/2) ވަނީ ނޯފޯކް އިން އުމުރުން 60 އިން އަހަރުން މަތީގެ މީހަކު ހައްޔަރުކޮށްފައި،“ ތުހުމަތުކުރެވޭ މީހާގެ ނަން ހާމަނުކޮށް ތޭމްސް ވެލީ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެޕްސްޓީންގެ އެތައް މިލިއަން ޑޮކިއުމެންޓެއް އެެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައި ވާއިރު އެންޑްރޫ ވަނީ އިނގިރޭސި ސަރުކާރުގެ ސިއްރު ލިޔެކިޔުންތައް ވެސް އެޕްސްޓީންއާ ހިއްސާކޮށްފައިކަން ވަނީ ހާމަވެފައެވެ.
ކުޑަކުދިންނާ އެކު ޖިންސީ އަމަލުތައް ހިންގުމުގެ ސީރިއަސް ތުހުމަތުތައް ކުރެވިފައި ވަނިކޮށް އެޕްސްޓީން ފައިލްސް އިން ހާމަވެފައިވާ ގޮތުގައި އެންޑްރޫ ވަނީ އުމުރުން 18 އަހަރުން ދަށުގެ ކުދިން ޔޫކޭއަށް ވެސް ގެންގޮސް އެ ކުދިންނާ އެކު ނަހަމަ ގުޅުންތައް ބާއްވައިފައެވެ.
އެންޑްރޫގެ ބޭބެ އަދި ރަސްގެފާނު ޗާލްސް މިދިޔަ އަހަރު ވަނީ އެންޑްރޫއަށް ކުރެވުނު ތުހުމަތުތަކާ އެކު އޭނާގެ ހުރިހާ ލަގަބުތަކެއް އަތުލައި ގަނޑުވަރުން ނެރެލައިފަ އެވެ. އެކަން ފެންމަތިވެފައިވަނީ، އެޕްސްޓީންގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނާ އަންހެނަކު، އޭނާގެ އުމުރުން 18 އަހަރު ވުމުގެ ކުރިން އެންޑްރޫގެ ޖިންސީ ބޭނުންތަކަށް ޔޫކޭއަށް ގެންދިޔަ ކަމަށް ބުނެ ތުހުމަތުކުރި ހިސާބުންނެވެ.



