މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް، އޭނާގެ ބައްޕަގެ ހަނދާނުގައި ނ. ކުޑަފަރީގައި މިސްކިތެއް ބިނާކޮށްފިއެވެ.
މިއަދު އެ މިސްކިތް ހުޅުވާފައިވާއިރު، ގިނަ ބަޔަކު އެ މިސްކިތް ސިފަކޮށްފައިވަނީ ވަރަށް ވެސް ރީތި އާދަޔާ ހިލާފު މިސްކިތެއްގެ ގޮތުގައެވެ.
އެގޮތުން މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށް މިއަދު ވަޑައިގެން ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް ވެސް ވިދާޅުވީ، އެއީ ވަރަށް ހިތްގައިމު މިސްކިތެއް ކަމަށާއި އެއީ ހަމަ ސަގާފަތަށް ލިބުނު ދިރުމެއް ކަމަށެވެ.
”މަސްޖިދު އަލް މުހައްމަދު ގާސިމް“ ގެ ނަން ދީފައިވާ އެ މިސްކިތް ތަފާތުވަނީ، އެންމެ އިހުގެ ފަންނުވެރިކަން އެތަނުން ފެންނާތީ ކަމަށް މިސްކިތް ދުށް ބައެއް މީހުން ބުނެފައިވެއެވެ.
މީގެއިތުރުން، މިސްކިތުގެ ފާރުތަކުން ފެންނަނީ ކުރީގައި ހިރިގަލުގައި ހުންނަ ޑިޒައިންތަކެވެ. ގުއްބެއްގެ ބަދަލުގައި ހުރީ މުންނާރެކެވެ. މުންނާރުގެ އެތެރޭގައި ހުރީ ވުލޫ ކުރެވޭ ގޮތަށެވެ. ލަކުޑީގެ ވަޑާމާއި ފުރާޅުން ވެސް ހަމަ އިހުގެ ހުނަރުވެރިކަން ފެނެއެވެ. އަދި މިސްކިތުގެ ހުރިހާ ޑިޒައިނެއް ވެސް ހުރީ އަތުން ކަނޑާ ނަގާފައެވެ.
މައުރޫފް ވިދާޅުވީ ރާއްޖޭގައި ހިރިގަލުގެ މިސްކިތްތައް ނުފެންނަ ޒަމާނެއްގައި، މި ފަދަ ޑިޒައިންތައް ބޭނުންކޮށްގެން ތަން ރީތިކުރުމަކީ ސަގާފީ ފަރުމާތަކާއި އާމިޓެކްޗާއަށް ވެސް ލިބުނު ދިރުމެއް ކަމަށެވެ.




