މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްސޭޝަންގެ މަޤާމަށް ހަސަން ޒަރީރު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޒަރީރު އެ މަޤާމަށް އައްޔަނު ކުރަން ފާސް ކުރީ 41 މެމްބަރުންގެ ވޯޓާއިއެކުގައެވެ.
ޓެކްސް ކޮމިޝަނަރު ކަމަށް އައްޔަނު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި އަނެއް ނަމަކީ ކުރިންވެސް އެ މަޤާމުގައި ހުންނެވި ޔަޒީދު މުހައްމަދުއެވެ. ނަމަވެސް މަޖިލީހުގެ އިޤްތިސާދީ ކޮމިޓީ އިން ނިންމެވީ އެ މަޤާމަށް އައްޔަނު ކުރުމަށް ހަސަން ޒަރީރުގެ ނަން ފާސް ކުރުމަށެވެ.
ޓެކްސް ކޮމިޝަނަރުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެ މަޤާމުގައި ހުންނެވި ފަތުހުﷲ ޖަމީލު ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެ މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.




