ފަލަސްތީނަށް އިޒްރޭލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ވަގުތުން ހުއްޓާލާ، ބައިނަލްއަޤުވާމީ ޤާނޫނު ތަކަށް ތަބާވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފިއެވެ.
ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރަފާހް ގައި ފެންނަމުން ދަނީ އަނިޔާވެރި ރަހުމުކުޑަ މަންޒަރު ތަކެއް ކަމަށާއި، އިޒްރޭލުގައި އަތްދަށުގައި ފަލަސްތީނު ފަނާ ވެގެން ދާއިރު ބައިނަލްއަޤުވާމީ ފަރާތްތަކުން ބަލަން އޮވެގެން ނުވާނެ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ގަތުލްއާއްމު ގެ މައްސަލަ ބަލައިދުނަމަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި މައްސަލައަށް ދިވެހި ރާއްޖެއިން ފުރިހަމަޔަށް ތައީދު ކުރާ ކަމަށާއި، އެ މައްސަލަ މިހާރުން މިހާރަށް އައިސީޖޭ އިން ބަލާ ފިޔަވަޅު އަޅަން ޖެހޭކަމަށެވެ.
އަދި ދިވެހިރާއްޖޭއާއި ރާއްޖޭގެ ރައްޔިތުން ތިބީ ފަލަސްތީނުގައި ރައްޔިތުންނާއިއެކު ކަމަށާއި، މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު އޮތުމަށް އަބަދުވެސް ރާއްޖެއިން ތާއިދު ކުރާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ދާ ގަތުލުއާންމުގައި މިހާތަނަށް 35،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޮނިއޯ ގަޓެރޭސް ވެސް އިއްޔެ ވަނީ އިޒްރޭލުން ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއާޓާލުމަށް އެ ޤައުމަށް ގޮވާލާފައެވެ.




