އައްޑޫ ސިޓީގެ 11 ފޫޓު 22 ފޫޓުގެ ކުޑަކުޑަ ޖާގައެއްގެ ތެރެއިން، އަންހެނަކު ދެކުނު ހުވަފެނެއްގައި ކުލަ ޖެހި، އެ ހުވަފެން ހަގީގަތަކަށް ވާން ފެށީ ވަރަށް މަޑު މަޑުންނެވެ. އެއީ ބޮޑެތި އިންވެސްޓަރުންތަކަކާއި، ގިނަ އަދަދެއްގެ ފައިސާއާއި، ބޮޑު ޓީމަކާއި އެކު އެކު ފެށި ދަތުރެއް ނޫނެވެ. އެއީ ހަމައެކަނި ތަސައްވަރަކާއި، އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރާއި، ކުރިމަތިވި ހުރަސްތަކުގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން ދެކޮޅު ހެދި އަންހެނެއްގެ ހިތްވަރެވެ.
މިއަދު އެ ތަސައްވަރު ބަދަލުވެފައިވަނީ ”ޕަވަރ އަވާ ސްޓޫޑިއޯ“ (Power Hour Studio) އަށެވެ. މަރަދޫފޭދުއާއި ހިތަދޫގައި އަންހެނުންނަށް ހާއްސަކޮށްގެން ހިންގާ ކާމިޔާބު މި ޖިމްގެ ފަހަތުގައި ހުރީ އާމިނަތު ޔާސްމީން އޮސްމަންއަގިޗް އެވެ. ކިޔައިދޭން މިއުޅެނީ އޭނާ ކުރި ހިތްވަރު ގަދަ ދަތުރުގެ ވާހަކައެވެ.
ޔާސްމީންގެ ބައްޕައަކީ ބޮސްނިއާ މީހެކެވެ. މަންމައަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ މީހެކެވެ. ބޮސްނިއާއާއި ލޭގެ ގޮތުން ގުޅުމެއް އޮތްކަމުގައިވިޔަސް، ޔާސްމީންއާއި އޭނާގެ ބައްޕައަކީ ވެސް މި ދިވެހި ފަސްގަނޑުގެ ވަޒަންވެރިންނެވެ. ޔާސްމީން އަކީ ސެޓިފައިޑް ފިޓްނަސް އިންސްޓްރަކްޓަރެކެވެ. ވެއިޓްލިފްޓިންގް ޗެމްޕިއަނެކެވެ. ނިޤާބީ އެކެވެ. މަންމައެކެވެ. އަދި ސަރުކާރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެކެވެ، އޭނާގެ ދިރިއުޅުމުގެ ބުރަދަން، އޭނާ އުފުލާލި 145 ކިލޯގެ ޑެޑްލިފްޓުގެ ބުރަދަނަށްވުރެ މާ ބޮޑެވެ.
ޔާސްމީންގެ މި ދަތުރު ފެށުނީ ހިތްވަރުގަދަކަމާއި ކެތްތެރިކަމާއި އެކު އެވެ.

ބޮޑެތި މީހުންނާއެކު ކަސްރަތުކުރި ކުޑަ އަންހެން ކުއްޖާ
އުމުރުން އެންމެ 13 އަހަރުގައި ޔާސްމީން ގަން ކޮމިއުނިޓީ ސެންޓަރުގެ ޖިމަށް ވަނީ އޭނާގެ މަންމައާއެކުގައެވެ. އެތަނުގައި ތިބި ބޮޑެތި މީހުންގެ ތެރޭގައި ހުރި ހަމައެކަނި ކުޑަކުއްޖަކީ އޭނާއެވެ. ޔާސްމީން އަކީ ކުޑައިރުއްސުރެއް ހަށިގަނޑުން ބޮޑުކޮށް ހުންނަ ކުއްޖެކެވެ. އޭގެ ސަބަބުން ކްލާސް ކުދިންގެ ފުރައްސާރައާ ހަނގާކުރުން އޭނާއަށް ވަނީ ކުރިމަތިވެފައެވެ. އެއްދުވަހަކު ކްލާސް ކުއްޖަކު އޭނާއަށް ”55 ގެ ބެޓެރިއެއް“ ކިޔައި މަލާމާތްކުރި ހަނދާން މިއަދުވެސް ޔާސްމީންގެ ސިކުނޑީގައި އެބަހުރި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ މަލާމާތުގެ ސަބަބުން އޭނާ ފަހަތަކަށް ނުޖެހުނެވެ. ހިތްވަރާއެކު ގަދައަޅާ ދިޔައީ ކުރިއަށެވެ. ހަނގާ ކުރުމުގެ ސަބަބުން ލޮލުން އޮހެމުންދިޔަ ކަރުނަތަކުގެ ބިޔަ ރާޅުގައި އަމިއްލައަށް ފަތާފައި ދިޔައީ ކާމިޔާބީގެ މަންޒިލާ ހަމައަށެވެ. ނަތީޖާއެއްގެ ގޮތުން ޔާސްމީންގެ ހުނަރުން މީހުން އާޝޯހުވެ، މީހުން ބަލައިގަންނަން ވެސް ފެށިއެވެ. ބެޓެރިބުރިއެއްކަމަށް ބުނެ މަލާމާތް ކުރި ކުއްޖާވެސް އޭނާގެ ލޯބި ފަހުން ހުށަހެޅިއެވެ. ނަމަވެސް ޔާސްމީން އެ ހުށަހެޅުން ޤަބޫލެއް ނުކުރެއެވެ.
އޭނާ ދިޔައީ ބޮޑެތި މީހުންނާ އެއްވަރަށް ކަސްރަތު ކުރަމުންނެވެ. ޔާސްމީންގެ އޭރުގެ އިންސްޓްރަކްޓަރު އަޒްހަރަށް ޔަސްމީންގެ ކިބައިގައި ހުރި ހުނަރު ފެނުނެވެ. އުމުރުން އެންމެ 15 އަހަރުގައި، ފުރަތަމަ ފަހަރަށް ޑެޑްލިފްޓް ޔާސްމީން ބައިވެރިވިއިރު، އޭނާއާ ވާދަކުރަން ތިބީ އޭނާއަށްވުރެ މާ އުމުރުން ދޮށީ މީހުންނެވެ. އެ ދުވަހު 120 ކިލޯގެ ޑެޑްލިފްޓެއް ކާމިޔާބު ކަމާއިއެކު އުފުލައިގެން އޭނާ އެއްވަނަ ހޯދިއެވެ.
މިއީ ޔާސްމީންގެ ކާމިޔާބީގެ ފެށުމެވެ. 2024 ވަނަ އަހަރު މަރަދޫގައި ބޭއްވި އީދު ކުޅިވަރުގެ ތެރޭގައި ކުރިޔަށް ދިޔަ ވެއިޓްލިފްޓިން މުބާރާތެއްގައި 130 ކިލޯ އުފުލައިގެންވެސް ޔާސްމީން އެއްވަނަ ހޯދިއެވެ. އަދި 2025 ވަނަ އަހަރު، ކުރިއަށްވުރެ ވަރުގަދަކޮށް އެނބުރި އައިސް ހަމަ އެ މުބާރާތުގައި 145 ކިލޯ އުފުލައި، އަނެއްކާވެސް ޔާސްމީން ރަން މެޑަލް ހާސިލްކުރިއެވެ. މީގެ އިތުރުން، އޭނާ ވަނީ ”ތަންޑިޔާ ޗެލެންޖް“ އެންމެ އަވަހަށް ނިންމައި ”އައްޑޫ ވީރު ރާނީ“ ގެ ލަގަބު ހޯދާފައެވެ.

ނަމަވެސް، އެންމެ ބޮޑު ކާމިޔާބީއަކީ ކޮބައިތޯ އެހުމުން ޔާސްމީން މެޑަލްތަކުގެ ވާހަކައެއް ނުދައްކައެވެ. ”އަހަރެންގެ އެންމެ ބޮޑު ކާމިޔާބީއަކީ، އަންހެނުންނަށް އެއްވެސް ޖެހިލުމެއް ނެތި، ރައްކާތެރިކަމާއެކު ކަސްރަތު ކުރެވޭނެ މާހައުލެއް ގާއިމްކޮށްދެވުން،“ އޭނާ ބުންޏެވެ.
ހުރަސްތަކުގެ ތެރެއިން އުފަންވި އާ ފެށުމެއް
ޔާސްމީންގެ މަސައްކަތުގެ ދާއިރާގައި ހިތްދަތި ދުވަސްތަކެއްވެސް އައެވެ. ގަން ކޮމިއުނިޓީ ސެންޓަރުގައި މަސައްކަތް ކުރަމުން ދަނިކޮށް، ވިހެއުމަށްފަހު އޭނާގެ ކޮންޓްރެކްޓް އާ ނުކުރަން ނިންމި ނިންމުމަކީ އޭނާގެ ހިތަށް ވަރަށް އަސަރުކުރި ކަމެކެވެ. ނަމަވެސް އެ މާޔޫސްކަން އޭނާ ބަދަލުކޮށްލީ އާ ހަކަތައަކަށެވެ.
”އަހަރެން ހިތަށް އެރި، މިއީ އަހަރެންގެ އަމިއްލަ އެއްޗެއް ބިލްޑް ކުރަން ލިބުނު ފުރުސަތެކޭ“ އޭނާގެ ތަސައްވަރެއް އޮތް ކަމަށް ޔާސްމީން ކިޔައިދިނެވެ.
މި އަޒުމުގައި އޭނާ އައްޑޫގައި ފެށި ”ބޫޓްކޭމްޕް“ ތަކަށް ލިބުނު ތަރުހީބު ހީކުރިވަރަށްވުރެ މާ ބޮޑެވެ. މަރަދޫގައި ބޭއްވި ދެވަނަ ބޫޓްކޭމްޕްގައި 140 އަށްވުރެ ގިނަ އަންހެނުން ބައިވެރިވިއެވެ. މިއީ ރާއްޖޭގެ ތާރީހުގައިވެސް އަންހެނުންނަށް ހާއްސަކޮށްގެން ބޭއްވި އެންމެ ބޮޑު ބޫޓްކޭމްޕެވެ.

އެއާއެކު ދެން ފެށުނީ ޔާސްމީންގެ ”ޕަވަރ އަވަރ“ ސްޓޫޑިއޯގެ ދަތުރެވެ. އަންހެނުންނަށް ޚާއްސަ އެ ސްޓޫޑިއޯ ވެގެން ދިޔައީ ޔާސްމީންއަށް ލިބުނު ކާމިޔާބީގެ އިތުރު ބޮޅަކަށެވެ.
ނަމަވެސް އެއްވެސް ކަމަކީ އެކަމެއްގައި ދަތިތަކަކާއި ގޮންޖެހުންތަކެއް ކުރިމަތިނުވާނެ ކަމެއް ނޫންތާ ދޯއެވެ. ޔާސްމީންއަށް ވެސް ސްޓޫޑިއޯ ހިންގުމުގައި ތަފާތު އެކި ގޮންޖެހުންތަކާ ކުރިމަތިވިއެވެ. ޚާއްސަކޮށް އެކުގައި މަސައްކަތް ކުރި ބައެއް މީހުންގެ ފަރާތުންނެވެ.
ޮޕަވަރ އަވަރ އަކީ ޔާސްމީންގެ އަމިއްލަ ސްޓޫޑިއޯއަކަށްވުމާއެކު، އެތަން ރަނގަޅަށް ހިންގުމަށްޓަކައި އޭނާ ނިންމީ އިތުރު އިންސްޓްރަކްޓަރުން ގެނައުމަށެވެ. ނަމަވެސް އެތަނުގައި މަސައްކަތް ކުރަން އުޅުނު އެހެން ބައެއް އިންސްޓްރަކްޓަރުންނަށް އެގޮތް ކަމަކު ނުދިޔައެވެ. ޔާސްމީންއަށް އެފަދަ ނިންމުމެއް ނުނިންމޭނެ ކަމަށް ބުންޏެވެ. އަދި އެމީހުންނަށް އުޖޫރަ ދޭވަރު މަދު ކަމަށާއި ޔާސްމީން ނަގާވަރު ގިނަ ކަމަށް ބުނެ ޝަކުވާ ވެސް ކުރިއެވެ.
”ހަގީގަތުގައި އެމީހުން ގިނަ ކްލައިންޓުންނެއް ނުހޯދާ. އެމީހުންގެ ބައެއް ކްލައިންޓުންގެ ކްލާސްތައް ވެސް ކެންސަލް ކުރި. އެހެންވެ އެ ކްލާސްތައް ވެސް އަހަރެން ބައެއް ފަހަރު ނަގާދެން. މަސައްކަތް ކުރާ ވަރަކަށްތާ ދޯ ފައިސާ ދެވޭނީ. އެކަންކަމާ ރުޅި އައިސްގެން މަސައްކަތް ކުރި އަހަރެންގެ ކްލައިންޓުން ވެސް އެމީހުންގެ ކްލާސްތަކަށް ގެންދެވޭތޯ، ވަކި އަދަދަކަށް ކްލާސްތައް ހަމަކުރަން ބުނީމަ. އެކަމަކު އަހަރެންގެ ކްލައިންޓުން އަހަންނަށް ވަރަށް ލޯޔަލް. އެމީހުން ނުދިޔަ. އެކަމާވެސް އިތުރަށް ރުޅިއައިސްގެން، އަހަރެންގެ ފިރިމީހާއާ ދެމީހުން ދެމެދު ދޭތެރެ ޖައްސަން އުޅެ، ކްލާސް ނަގަނިކޮށް ސްޓޫޑިއޯއަށް އައިސް ކްލައިންޓުންނަށް މަލާމާތްކޮށް އަހަންނާ ދިމާލަށް ވެސް ހަޑިހުތުރު ބަހުން ވާހަކަ ދެއްކި. އޭގެ އެކަކު އެވަގުތު ރިކޯޑު ކުރަމުން ދިޔައީ. އަހަންނަށް އެނގޭ އަހަރެން ޓްރިގަރ ކުރެވޭތޯކަން ބެލީ، ވީޑިއޯކޮށްފަ އަގުވައްޓާލަން ލާން. އެހެންވިޔަ ނުދެން.“ ޔާސްމީން ކިޔައިދިނެވެ.
ޔާސްމީން އިތުރަށް ބުނީ، ނަފްސާނީ ބައްޔަށް ޖޯކު ޖަހާފައިވެސް އެމީހުން އެދުވަސްކޮޅު އެއްޗެހި ބުނި ކަމަށެވެ. އަދި އެއީ ވަރަށް ހިތްދަތިވި ދުވަސްތަކެއް ކަމުގައި ވެސް ބުންޏެވެ. ޔާސްމީންއާ ދެކޮޅަށް އެމީހުން އެދުވަސްކޮޅު ބަޔާން ނެރުންކަމުގައިވިޔަސް، އެދުވަހު އޭނާ ހަނުހުރީ ހެއްދެވި ފަރާތަށް އޮތް އިތުބާރާއި އީމާންތެރިކަމުގެ ސަބަބުންނާއި އޭނާގެ އަމިއްލަ ބަޔާނެއް ނެރެންޏާ ފަށާނެ ގޮތެއް ވެސް އެދުވަސްކޮޅު ނުވިސްނުމުން ކަމުގައި ޔާސްމީން ބުންޏެވެ.

އީމާންތެރިކަމާއި ފިޓްނަސް – އެކަތި އަނެކައްޗަށް ބާރުދޭ
ޔާސްމީންގެ ޝަހުސިއްޔަތުން އެންމެ ބޮޑަށް ފާހަގަކުރެވެނީ އޭނާ މޫނު ބުރުގާ (ނިގާބު) އެޅުމަށް ނިންމި ނިންމުމެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ވަރުގަދަވުމާއި، ހަމަ އެކަނި ލޮލަށް ފެންނަ ކަމެއް ނޫނެވެ. ”ހަޤީޤީ ސްޓްރެންތަކީ މީހާގެ އެތެރެފުށުގައިވާ އެއްޗެއް“ ޔާސްމީން ކިޔައިދިނެވެ. ”ހެދުން އެޅުމަކުން މީހެއްގެ ހުނަރަކަށް ނުވަތަ އުންމީދަކަށް ހުރަހެއް ނޭޅޭނެ،“ އޭނާ ބުންޏެވެ. ނިގާބު އެޅުމަށްފަހު އޭނާގެ ފޯކަސް ބަދަލުވީ ހަށިގަނޑު ފެންނަ ފެނުމަށް ރީތިކޮށް ހުރުމުގެ ބަދަލުގައި، ހަށިގަނޑުގެ ދުޅަހެޔޮކަމާއި، ސްޓެމިނާ އާއި، އާންމު ސިއްހަތު ރަނގަޅު ކުރުމަށެވެ.
އަދި އޭނާއަކީ ނަފްސާނީ ދުޅަހެޔޮކަމަށްވެސް ވަރަށް ބޮޑަށް ބާރުއަޅާ މީހެކެވެ. ޖިސްމާނީ ބައްޔަކަށް ޑޮކްޓަރަކަށް ދައްކާ ފަދައިން، ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ހޯދުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫންކަމަށް އޭނާ ގަބޫލުކުރެއެވެ.
ތަވައްކަލް: ކާމިޔާބީގެ ސިއްރު

ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ދިމާވި ހިތްދަތި ކަންތައްތަކުން އަރައިގަތުމަށް އޭނާއަށް އެހީތެރިވެދިނީ ކޮން ކަމެއްތޯ އެހުމުން އޭނާ ދިނީ ކުރު ޖަވާބެކެވެ. އެއީ ”ތަވައްކަލް“ އެވެ. މާތްﷲ އަށް ވަކީލުކުރުމެވެ. އެއްވެސް މަސައްކަތެއް ބޭކާރު ނުވާނެކަމުގެ ޔަގީންކަމެވެ. އޭނާގެ މި ދަތުރުގައި ފިރިމީހާއާއި، އާއިލާ އަދި އޭނާއަށް އިތުބާރުކުރި ކްލައިންޓުންގެ އެހީތެރިކަން އޭނާ ނުހަނު ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ.

ނިންމުން
ޔާސްމީންގެ ދަތުރު އަދި ނިމުނީއެއް ނޫނެވެ. އޭނާގެ އުންމީދަކީ އައްޑޫ ސިޓީގައި ގިނަ އަދަދެއްގެ ކޮލިފައިޑް އަންހެން އިންސްޓްރަކްޓަރުން އުފެއްދުމެވެ. ހުވަފެންތައް ހަގީގަތަކަށް ހަދަން ޖެހިލުންވާ އަންހެނުންނަށް އޭނާ ދޭން އޮތް ނަސޭހަތަކީ:
”ހަނގާކުރުމާއި ނުވަތަ މީހުން ކިޔާފާނެ އެއްޗަކަށް ބަލައިގެން ތިމާ ބޭނުންވާ ދިރިއުޅުން ބިނާކުރުން ހުއްޓާނުލާށެވެ. އިމްތިހާނުތަކަކީ ތިމާ ބަލިކޮށްލަން އަންނަ އެއްޗެއް ނޫނެވެ. އެއީ ތިމާ ވަރުގަދަކުރަން ކުރިމަތިވާ ކަންކަމެވެ.“
ފުރައްސާރައާ ކުރިމަތިވި ކުޑަ އަންހެން ކުއްޖެއްގެ ކިބައިން، މުޅި ރާއްޖެއަށް ނަމޫނާ ދެއްކި ”އައްޑޫ ވީރު ރާނީ“ އަށް އޭނާ ބަދަލުވީ މީހަކަށް އެއްޗެއް ސާބިތުކޮށްދޭކަށް ނޫނެވެ. އޭނާ ބަދަލުވީ އަމިއްލަ ނަފްސަށް އެކަން ކުރެވޭނެކަން ސާބިތުކޮށްދިނުމަށެވެ. އަސްލު ބާރަކީ ހަމައެކަނި އުފުލާލާ ބަރުދަނެއް ނޫނެވެ. އެއީ އުފުލަންޖެހޭ ހުރިހާ ބުރައަކާއެކުވެސް، ކޮޅަށް ތެދުވުމުގެ ހިތްވަރެވެ.



