އިދިކޮޅު އެމްޑީޕީއިން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް މާ ބޮޑު އިސްކަމެއް ނުދޭ ކަމަށާއި ކެމްޕޭން ކުރަންވީ މިދުވަސްކޮޅުގައި، އެ ޕާޓީގެ ޖަގަހަ ޖަލްސާއެއް ވެސް ނުބޭއްވޭ ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މާފަންނު އުތުރު ކެމްޕޭން ޖަގަހަ އިފްތިތާހުކުރަން ރޭގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވަނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓުދޭން ނުޖެހޭ ސަބަބުތައް ކަމަށް ވިދާޅުވެ، ބައެއް ކަންކަން ފާހަގަކުރައްވައިފައެވެ.
އެގޮތުން މިނިސްޓަރ ސައީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ސޮވަރިން ފަންޑުގައި ހުރި 200 މިލިއަން ޑޮލަރު 2 މިލިއަން ޑޮލަރަށް މަދުކޮށްލި ކަމަށާއި 15 ދުވަހުގެ ކާބޯތަކެތި ގަނެވޭ ވަރަށް ދައުލަތުގެ ރިޒާވު ވެސް ކުޑަކޮށްލި ކަމަށެވެ.
”އަނެއްކާވެސް މި މީހުން އައިސް ހަމަ އެއްކަލަ، ކުރިން ކަން ކުރި ގޮތަށް ނޫންތޯ ކުރާނީ؟ އާ ވިސްނުމެއް ނެތޭ. މިހާ ހިސާބަށް ކެމްޕޭން ދިޔައިރު ޖަގަހައެއްގައި ކެމްޕޭން ޖަލްސާއެއް ބޭއްވުނީއެއް ނޫން. އާ ގޮތެއް ކިޔާދެވުނީއެއް ނޫން“ މިނިސްޓަރ ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ، އެމްޑީޕީއިން އަވަދިނެތި އުޅެނީ ހަތަރު ފަސް ބަޔަކަށް ބެހިގެން ރިޔާސީ ކެންޑިޑޭޓަކަށް ނެރޭނެ ބޭފުޅެއްގެ މަޝްވަރާގައި ކަމަށެވެ. އަދި ކައުންސިލް އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓުންނަށް ވޯޓު ދިނަސް، ސައީދު ވިދާޅުވީ އެ ޕާޓީން އުޅޭނީ އެ މަސައްކަތުގައި ކަމަށެވެ.



