މި ރަމަޟާން މަހުގެ ފުރަތަމަ 2 ދުވަހު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެންމެ ގިނައިން ކްލިއަރ ކޮށްފައިވަނީ ކުކުޅު ބިހާއި ފިޔާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ރަމަޟާން މަހުގެ ކޮންމެ ދުވަހަކުވެސް އެމްޕީއެލުން ރާއްޖެއަށް އެތެރެކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ކްލިއަރކުރާ މިންވަރު އެ ކުންފުނިން ދަނީ އާންމުކުރަމުންނެވެ.
އެގޮތުން ރޯދައިގެ ދެވަނަ ދުވަހު އެމްޕީއެލުން ވަނީ ކޮންޓެއިނަރާއި ވަކިވަކި ކޮންސައިމަންޓު ހިމެނޭހެން ޖުމްލަ 3،260 ޓަނުގެ ތަކެތި ރާއްޖެ އެތެރެކޮށް ކްލިއަރކޮށްފައެވެ. އެއީ 167 ކޮންސައިންމެންޓުގެ މުދަލެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން ރޯދައިގެ ފުރަތަމަ އަދި ދެވަނަ ދުވަހުވެސް އެންމެ ގިނަ އަދަދަކަށް ރާއްޖެ އެތެރެކޮށް ކްލިއަރ ކޮށްފައިވަނީ ކުކުޅު ބިހެވެ. އެގޮތުން ރޯދަމަހުގެ ދެވަނަ ދުވަހު 3،658 ބިސް ކޭސްވަނީ ކްލިއަރ ކޮށްފައެވެ.
އެންމެ ގިނައިން ކްލިއަރކުރި އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި:
° 3،658 ބިސް ކޭސް
° 2،165 ބަސްތާ ފިޔާ
° 1،224 ބަސްތާ ޓޮމާޓޯ
° 926 ބަސްތާ އަލުވި
° 792 ބަސްތާ އަލަނާސި
° 600 ބަސްތާ ކަރާ
° 224 ދޮންކެޔޮ ގަނޑު
° 556 ބަސްތާ ކެބެޖު
° 170 ބަސްތާ މެލަން
° 122 ބަސްތާ ބަރަބޯ
ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް ގިނަ އަދަދަކަށް ކާބޯތަކެތި ރާއްޖެއަށް އެތެރެކުރާ ދުވަސްވަރަކަށް ވާތީ، އެމްޕީއެލުން އަންނަނީ ބަނދަރުގެ އޮޕަރޭޝަންތައް ވަރުގަދަކޮށް، މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ލުއިފަސޭހަ ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
އެގޮތުން އެ ކުންފުނިން ވަނީ މި ރަމަޟާން މަހާ ދިމާކޮށް، ރާއްޖެއަށް އެތެރެކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި ވީހާވެސް އަވަހަށް ކްލިއަރ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް 3،000 އަކަފޫޓުގެ ޝެޑެއްވެސް ޤާއިމްކޮށްފައެވެ.



