މި ރޯދަމަހު ދުވާލު ކާން އިން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ކާން އިންދައި މި ފަހަރު ހައްޔަރު ކުރީ، ޅ. ކުރެންދޫ މީހެއްކަން ވަނީ އެނގިފައެވެ. އޭނާއަކީ މީގެކުރިން ވައްކަމުގެ ތުހުމަތުގައެވެ. އެއީ، މޯލްޑިވްސް ޑިޖިޓަލް ސާވިސްއިން ވައްކަން ކުރިކަމުގެ ތުހުމަތުގައެވެ.
އެ މީހާ ހައްޔަރުކޮށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށްވަނީ ފަސް ދުވަސް ޖަހައިފައެވެ. އޭނާގެ ބަންދު އަމުރުގައި އޭނާއާ ހަވާލާދީ ބުނެފައިވާ ގޮތުގައި އޭނާ އުޅޭނެ ތަނެއް ނެތެވެ. އަދި ކާނެ ގޮތެއް ބޯނެ ގޮތެއް އަދި ވަޒީފާއެއްވެސް ނެތެވެ. އޭނާ ނިދަނީ މަގުމަތީގަޔާއި ޖޯލި ފަތިތަކުގައި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
އޭނާގެ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން ފުލުހުންނަށް އޭނާ ފެނުނުއިރު އިނީ ކާށެވެ. އަދި ކާންއިރު އޭނާގެ ކައިރީގައި ރޫޅާލާފައިވާ އޭސީ އައުޓްޑޯ ޔުނިޓަކާއި އެ ރޫޅާލަން ބޭނުންކުރާ ޓޫލްސް ވެސް ހުއްޓެވެ. އަދި މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ސީސީޓީވީ ކެމެރާ ޑައިރެކްޝަން ބަދަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.
އޭނާއަކީ ކުށުގެ ރެކޯޑް ގިނަ މީހެއްކަންވެސް ބަންދު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.



