ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މިރޭ އާ ކެމްޕޭނު ޖަގަހައެއް ހުޅުވަން ހަމަޖެހިއްޖެއެވެ.
ގަލޮޅު ދެކުނުގައި މިރޭ ހުޅުވާ ކެމްޕޭނު ޖަގަހަ އިފްތިތާހު ކޮށްދެއްވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ މެޑަމް ސާޖިދާ މުހައްމަދު އެވެ.
ޕީއެންސީން ބުނީ މިރޭގެ އެ ރަސްމިއްޔާތު އޮންނާނީ 9:30 ގައި ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކެމްޕޭނު ކުރުމަށް ޕީއެންސީން ވަނީ ދޮރުން ދޮރަށް ހަރަކާތްތަށް ވެސް ފަށާފައެވެ.
އެގޮތުން މި ހަރަކާތް ރަސްމީކޮށް މި މަހުގެ 19 ވަނަ ދުވަހު ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނު އެދުވަހު ވަނީ މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވައި ގިނަ ބަޔަކާ ބައްދަލުކުރައްވާފައެވެ. އަދި މި ހަރަކާތުގެ ދަށުން މިއަދު މައްޗަންގޯޅީގެ ބައެއް ގެތަކަށް ވެސް ރައީސް މުޢިއްޒު ވަނީ ވަޑައިގެންފައެވެ.
އެ ހަރަކާތުގައި ރައީސްގެ އަރިހު ބައެއް މިނިސްޓަރުންނާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ ޓިކެޓުގައި މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި ރައްޔިތުންގެ މަޖިލިހުގައި ޕީއެންސީ ތަމްސީލް ކުރައްވާ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެ ޕާޓީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާފައިވާ މޫސާ އަލީ ޖަލީލް ވެސް ރައީސް މުޢިއްޒުގެ އަރިހުގައި ގޭގެއަށް ވަޑައިގެން ކެމްޕެއިން ކުރެއްވިއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ލީޑަޝިޕުން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރައީސް މާލޭގެ އެކި އަވަށްތަކުގެ ގޭގެއަށް ވަޑައިގެން އެ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.




