ނިމިދިޔަ ހުކުރު ދުވަހުން ފެށިގެން، ކޮންމެ ހުކުރު ދުވަހެއްގެ ވަކި ގަޑިތަކެއްގައި ތެލަސީމިއާ ސެންޓަރުން ޚިދުމަތް ލިބެމުންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިހިނގާ ފެބުރުއަރީ މަހުގެ 20 ވީ ހުކުރު ދުވަހުން ފެށިގެން، ރާއްޖޭގެ ތެލެސީމިއާ ސެންޓަރުގައި، ހުކުރު ދުވަހު ޚިދުމަތްދޭން ފަށާފައިވާކަން ފާހަގަކުރައްވައި، މިއަދު އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވިދާޅުވީ، އެ މަރުކަޒުގެ 31 އަހަރުގެ ދިގު ތާރީޚުގައިވެސް، މީގެ ކުރިން ރަސްމީ ސިފައެއްގައި ހުކުރު ދުވަހު ޚިދުމަތްދީފައި ނުވާކަމަށެވެ.
އެގޮތުން ނިމިދިޔަ ހުކުރު ދުވަހު އެކަނިވެސް، އެ މަރުކަޒުން، 14 މީހަކަށް ލޭ އެޅުމުގެ ޚިދުމަތްދީ، 5 މީހަކު ލޭ ހަދިޔާކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރަމަޟާން މަސް ނިމުމުންވެސް، ހުކުރު ދުވަހުގެ ވަކި ގަޑިތަކެއްގައި އެ މަރުކަޒުގެ ޚިދުމަތް ލިބޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އިސްލާހީ ބަދަލުގެ ސަބަބުން، ހަފުތާ ބަންދުގައި އަތޮޅުތަކުން މާލެ އައިސް ލޭ އަޅަން ބޭނުންވާ ފަރާތްތަކަށާއި ލޭ ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް، އެ ފުރުސަތު ފަހިވެގެންދާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ތެލަސީމިއާ ބައްޔަށް ފަރުވާ ހޯދުމަށް ހުރި ފުރުސަތުތައް އިތުރުކޮށްދެއްވައި، މިހާރު ލިބެންހުރި ޚިދުމަތްތައް ހަރުދަނާކުރައްވައި، ލުއި ގޮތްތައް ފަހިކޮށްދެއްވުމަކީ މި ސަރުކާރުގެ އިސް އަހުމިއްޔަތެކެވެ.
އެގޮތުން ތެލެސީމިއާ ސެންޓަރުގެ ހިންގުމާއި ޚިދުމަތްތައް ހަރުދަނާކުރެއްވުމުގެ މަސައްކަތްތަކަކީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ކުރައްވާ މަސައްކަތްތަކެއްކަމުގައި ވަނީ ހަމަޖައްސަވާފައެވެ.




