އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ނިސްބަތްކޮށް ހަޑިހުތުރުބަހުން މުހާތަބު ކޮށްފިއެވެ.
އިއްޔެ ހަވީރު އެމްޑީޕީން ބޭއްވި އެ ޖަލްސާގައި އެ ޕާޓީގެ އެކްޓިވިސްޓަކު މައިކު ހިފައިގެން ވަނީ ރައީސްއާ ދިމާލަށް ހަޑިހުތުރު ބަސްކިޔައި، އެމަނިކުފާނު ދައްކާ ވާހަކަ ޤަބޫލު ނުކުރުމަށް ގޮވާލާފައެވެ.
އެ އެއްވުން ބާއްވާފައިވަނީ މާލޭގެ ސޯސަން މަގުގައެވެ.
ބަރަކާތްތެރި ރަމަޟާން މަހުގެ ދުވާލު ވަގުތެއްގައި، އަދި ކުޑަކުދިން ވެސް މަގުމަތިން ހިނގަމުން ދިޔަ ވަގުތެއްގައި އެމްޑީޕީގެ މެންބަރަކު މިފަދަ އަމަލެއް ކުރުމުން، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް އެ ޕާޓީއަށް އަމާޒުވެފައެވެ.
އެ މަންޒަރު ދައްކުވައިދޭ ކުރު ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މި މައްސަލަ ފުލުހުން ބަލަމުންދާކަމެއް އަދި އެނގިފައެއް ނުވެއެވެ.




