ފީފާގެ ފުޓްބޯލް ސޯޝަލް ރެސްޕޮންސިބިލިޓީ ކޮމިޓީގެ މެންބަރަކަށް، އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ހައްވާ ނަސްރާ ސައީދު މިއަދު އައްޔަނު ކޮށްފިއެވެ.
އެ ކޮމިޓީއަށް އޭނާ އައްޔަނު ކޮށްފައިވަނީ ހަތަރު އަހަރުގެ ދައުރަކަށެވެ. އެ ދައުރު ހަމަވާނީ 2029 ގެ ނިޔަލަށެވެ.
ފީފާގެ މި ކޮމިޓީއަކީ ފުޓްބޯޅަ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޖުތިމާއީ ހެޔޮ ބަދަލުތައް ގެނައުމަށާއި، އިންސާނީ ހައްގުތަކާއި ތިމާވެށި ފަދަ މުހިންމު މައްސަލަތަކަށް މަސައްކަތްކުރާ ކޮމިޓީއެކެވެ.
ނަސްރާ އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވަނީ ތައުލީމީ ދާއިރާއިންނެވެ. އެގޮތުން އޭނާ ވަނީ މީގެ ކުރިން އދ. މަހިބަދޫ ތައުލީމީ މަރުކަޒުގައި ޓީޗަރެއްގެ ގޮތުން މަސައްކަތް ކުރައްވާފައެވެ. އަދި މިހާރު އޭނާއަކީ ހިރިޔާ ސްކޫލުގެ ޓީޗަރެކެވެ.



