މި ރަމަޟާން މަހާ ދިމާކޮށް، ކުޑަކުދިންނަށް ޚާއްސަކޮށްގެން ”ހުކުރު ޚުތުބާ ކުއިޒް“ ގެ ނަމުގައި ޤައުމީ ފެންވަރުގެ ޑިޖިޓަލް މުބާރާތެއް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިފްތިތާޙުކޮށްފިއެވެ.
މިއީ ޢުމުރުން 7 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ހުކުރު ޚުތުބާއަށް ދޭ ސަމާލުކަން އިތުރުކޮށް، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަތިވެރި މަޤްސަދުގައި ފެށި ޕްރޮގްރާމެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
މުބާރާތުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ހުކުރު ޚުތުބާ ކިޔުމަށާއި އަޑުއެހުމަށް ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމާއި ޚުތުބާގައި ހިމެނޭ މުހިންމު ފިލާވަޅުތަކާއި ދީނީ މަޢުލޫމާތު ކުދިންނަށް އުނގަންނައިދިނުމުގެ އިތުރުން އާއިލާތަކުގެ މެދުގައި ހުކުރު ޚުތުބާގެ މަޢުލޫމާތުތަކާމެދު މަޝްވަރާކުރުމުގެ ރޫޙު އާލާކޮށް، އާއިލީ ގުޅުން ބަދަހިކުރުން ހިމެނެއެވެ.
މި ކުއިޒަކީ ދިވެހި ބަހުން ކުރިއަށްގެންދާ ”އޯޕަން ބުކް“ މެތަޑަށް ކުރިއަށްދާ ކުއިޒެކެވެ. އެހެންކަމުން ކުއިޒަށް ޖަވާބު ދިނުމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޚުތުބާ ކިޔަންވާނެ ކަމަށާއި ޚުޠުބާ ފަހުމުވުމަށްޓަކައި ބެލެނިވެރިންގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ކުދިންނަށް އޮންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ކުއިޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މައިކްރޮސޮފްޓް ފޯމްސް މެދުވެރިކޮށް ކަމަށްވުމުން، ފޯނުން ނުވަތަ ކޮމްޕިއުޓަރުންވެސް ފަސޭހަކަމާއެކު ކުއިޒުގައި ބައިވެރިވެވޭނެއެވެ.
ކޮންމެ ހަފްތާއެއްގެ ވެސް ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ކުއިޒް ހުޅުވާލެވޭއިރު، ޖެހިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭގަނޑު 10:00 އާ ހަމައަށް ކުއިޒުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.
މުބާރާތް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ބައިވެރިން ވަނީ ތިން އުމުރުފުރައަކަށް ބަހާލާފައެވެ.
އެއީ:
° ގްރޫޕް އޭ (7-9 އަހަރު)
° ގްރޫޕް ބީ (10-12 އަހަރު)
° ގްރޫޕް ސީ (13-15 އަހަރު)
މި ކުއިޒުގައި ބައިވެރިވުމަށްޓަކައި މިނިސްޓްރީއިން މިކަމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ވައިބާ ކޮމިއުނިޓީ ގްރޫޕަކަށް ވަދެލަން ވާނެއެވެ. މި ކޮމިއުނިޓީ ގްރޫޕުގެ ލިންކަކީ:
މި ގްރޫޕަށް ކޮންމެ ހުކުރު ޚުޠުބާއެއް މިނިސްޓްރީން ލާނެއެވެ. އަދި ކުއިޒާބެހޭ އިތުރު މަޢުލޫމާތު ވެސް ދޭނެއެވެ.
މިއީ އޯޕަން ބުކް ކުއިޒަކަށްވާތީ، މުބާރާތުން ވަނަވަނައަށް ދާނީހުރިހާ ބުރުތަކެއްގެ ޖުމްލަ ސްކޯގެ %90 އަށްވުރެ މަތިން މާކްސް ހޯދާ ކުދިންގެ ތެރެއިން އެންމެ މަތިން މާކްސް ހޯދާ ކުދިންނެވެ. އަދި މާކްސް އެއްވަރުނަމަ އެކުދިންގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ. ކޮންމެ އުމުރުފުރައަކުންވެސް ވަނަތަކަށް ހޮވޭ ކުދިންނަށް ވަރަށް އަގުހުރި އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ.
އެ އިނާމުތަކަކީ:
° 1 ވަނަ އަށް ދާ ކުއްޖަކަށް- ޢުމްރާ ދަތުރެއް (ޖުމްލަ 3 ޢުމްރާ ދަތުރު)
° 2 ވަނަ އަށް ދާ ކުއްޖަކަށް- 1000 ރުފިޔާ
° 3 ވަނަ އަށް ދާ ކުއްޖަކަށް- 500 ރުފިޔާ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްނަގައިގެން ފަށާ މި ޕްރޮގްރާމަކީ ރަމަޟާން މަހުގެ ބަރަކާތްތެރި ދުވަސްވަރު ކުޑަކުދިންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމަށް އަޅާ ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ކުއިޒުގައި ވީހާވެސް ގިނަ ކުދިންނާއި ބެލެނިވެރިން ބައިވެރިވުމަށް އެ މިނިސްޓްރީން އެދިފައިވެއެވެ.




