ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.
ރާއްޖެއާއި ގަތަރުގެ ދޭދޭ ގުޅުން ބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުން، މިނިސްޓަރު ޒަމީރު ގަތަރަށް ވަޑައިގެންނެވީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އަދި ދަތުރުފުޅު ނިންމަވާލެއްވީ އިއްޔެއެވެ.
މިދަތުރުފުޅުގައި މިނިސްޓަރު ވަނީ ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝައިޚް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ޘާނީ ބައްދަލުކުރައްވާފަ އެވެ.
ދެބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ދިވެހި ރާއްޖޭގެ ޚާރިޖީ ވަޒީރު ވަނީ ދިވެހި ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް ގަތަރުން ވެދޭ ދީލަތި އެހީތެރިކަން ފާހަނގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި،ޣައްޒާގެ މައްސަލަ ހައްލުކުރުމަށް މެދުވެރިއެއްގެ ގޮތުން ގަތަރުން ކުރެއްވި މަސައްކަތް ފާހަަނގަ ކުރައްވައި ޝުކުރު އަދާކުރައްވާފައި ވެއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ވަޒީރުން ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މުސްތަގުބަލުގައިވެސް ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވާ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅުއްވާނެކަމުގެ ޔަގީންކަން ދެ މިނިސްޓަރުންވެސް ވަނީ ދެއްވާފަ އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު އަރިހުގައި، މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓަރަލް، ޑރ. ހާލާ ހަމީދާއި، އެމްބެސެޑަރ އެޓް ލާޖް، ޑރ. ފަޒީލް ނަޖީބާއި އެސިސްޓެންޓް ޑިރެކްޓަރ، ލަމްހާ ސަލީމް ބައިވެރިވަޑައިގެންނެވި އެވެ.




