ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން އިދިކޮޅު އެމްޑީޕީން ދެކޮޅު ހަދަނީ، ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީ ތަމްސީލުކުރާ 12 މެންބަރުންގެ މުސާރަ އުނިވާނެތީ ކަމަށް ޕީއެންސީގެ ޕާލަމަންޓަރީ ގްރޫޕް ލީޑަރު އަދި މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ގދ. ތިނަދު އަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މާލޭގެ ކެމްޕެއިން ޖަގަހަ ހުޅުވަން ރޭގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ރާއްޖޭގައި މިހާރު ”އިިދިކޮޅު ޕާޓީއެއް ނެތް“ ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުން ވެސް އެކަން ސާބިތުވެފައިވާ ކަމަށެވެ.
އެގޮތުން އިދިކޮޅު އެމްޑީޕީން އެ އިންތިހާބުގެ 450 ގޮނޑިއަކަށް ވާދަ ނުކުރާކަން ފަލާހު ފާހަގަ ކުރެއްވިއެވެ. އަދި 1،352 ގޮނޑީގެ ތެރެއިން 450 ގޮނޑިއަށް އެމްޑީޕީން ވާދަނުކުރަނީ ”ކެންޑިޑޭޓުން ނުލިބިގެން“ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
”މިހާރު ވެސް ބަލިވެއްޖެ ނޫންތޯ؟ އެއީ ޕަސެންޓަށް ބަލައިފިއްޔާ ގާތްގަނޑަކަށް ތިރީހަކަށް ޕަސެންޓު ގޮނޑިއަށް ވާދަނުކޮށް އެމްޑީޕީން މި އޮތީ“ ފަލާހު ވިދާޅުވިއެވެ.



